ދިވެހިންނަށް ވިސާއާ ނުލައި ކީރިގިސްތާނަށް ދެވޭ ގޮތް ހަދައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެއިން ފެށިގެން ކީރިގިސްތާނަށް ވިސާއާނުލައި ދަތުރު ކުރެވޭނެ ކަމަށެވެ. މި ގޮތަށް ވިސާއާނުލައި ކިރްގިސްތާނަށް ދަތުރު ކުރެވޭ ގޮތަށް ހެދީ ނިމިދިޔަ އަހަރު 23 ސެޕްޓެމްބަރުގައި ކިރްގިސްތާނާއި ރާއްޖެއާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތް ނަމަ، ވިސާ ނެގުމަކާ ނުލައި ދިވެހީންނަށް 30 ދުވަހަށް އެ ގައުމުގައި ދަތިކަމެއްނެތި ތިބެވޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ނަމަވެސް އެ ގައުމަށް ވިޔަފާރީގެ ކަމެއްގައި، ތައުލީމު ހާސިލުކުރަން، އެ ގައުމުގައި މަސައްކަތް ކުރަން ނުވަތަ އެ ގައުމުގައި މަޑު ކުރަން ޖެހިއްޖެ ހާލަތެއްގައި ނަމަ، ވިސާ ބޭނުން ވާނެ ކަމަށް ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓުވީޓުގައި ވެއެވެ.

"ދިވެހިރާއްޖެއާއި ކީރިގިސްތާންއާ ދެމެދު ސޮއިކުރެވުނު ވިސާ އެގްޒެމްޝަން އެގްރީމަންޓަށް އަމަލުކުރަން ފެށުމާ ގުޅިގެން، އިއްޔެއިން ފެށިގެން ކީރިގިސްތާންއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ މުއްދަތަށް އޮން-އެރައިވަލް ވިސާ ލިބޭނެކަން ވަރަށް އުފަލާއެކު ފާހަގަކުރަން. އަދި މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، އަދި ދެގައުމުގެ މެދުގައި ފަތުރުވެރިކަމާއި ވިޔާފާރީގެ ދާއިރާއިން ގުޅުން ބަދަހިވެގެންދާނެކަމަށް އަޅުގަނޑު އުންމީދު ކުރަން." ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ކީރިގިސްތާނަށް ވިސާއާނުލައި ދަތުރުކުރެވޭ ގޮތް އިއްޔެ ހަމަޖެއްސިއިރު، ވިސާއާ ނުލައި ސައުދީއަށް ދެވޭގޮތަށް ހަމަޖެހުނީވެސް މިމަހުގެ 7 ވަނަ ދުވަހުގައެވެ. ސައުދީ ސަރުކާރުން ނިމިދިޔަ ޖުލައި މަހުން ފެށިގެން އެކި ގައުމުތަކުގެ ރައްޔިތުންނަށް އޮން-އެރައިވަލް ވިސާ ދިނުމަށް ނިންމާފައިވަނީ، އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޓަކައި ފަތުރުވެރިވެރިންނަށް ލުއިކޮށްދިނުމުގެ މަގުސަދުގައެވެ.