ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީގެ ނަން އިއްވައި ޖަލްސާއިން ނިކުންނަން އަންގައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ތިން މެންބަރުންގެ ނަން އިއްވަވައި، މަޖިލީހުން ނިކުންނަވަން އެންގެވީ، މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލައި، އިތުބާރު ނެތްކަމުގެ މައްސަލަތަކަށް ބަހުސްގެ ވަގުތު ކޮމިޓީން ކަނޑައެޅުމުން ކަމަށް މަޖިލިސް ރައީސް ވިދާޅުވުމުން، އެކަމާ ދެކޮޅު ހައްދަވައި އަޑުގަދަކުރައްވަން ފެއްޓެވުމުންނެވެ.
އަޑުގަދަ ކުރެއްވި ބައެއް މެންބަރުން ވަނީ، މަޖިލީހުގެ ރައީސަކީ އިތުބާރު ނެތް ބޭފުޅެއް ކަމަށާއި، އެހެންކަމުން މަޖިލީހުގެ ރިޔާސަތުން ފެއިބުމަށް ގޮވާލައިފައެވެ. ޖެއްސުމުގެ ގޮތުން ބައެއް މެންބަރުން ގޮވަމުން ދިޔައީ އެވަރު ވިޔަސް ރިޔާސަތުގައި ބަގުޑި ބެއްދުމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލަތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އީވާ އަބުދުﷲގެ މައްސަލަވެސް ހިމެނެއެވެ. އޭގެ އިތުރުން ދެން ހިމެނެނީ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިިނިސްޓަރު އަބުދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލައެވެ.
އިތުބާރުނެތްކަމުގެ މައްސަލަތަކުގައި ބަހުސްގެ ވަގުތު ކަނޑައަޅާނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން އާއްމު ކޮމިޓީންނެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން އެ ޕާޓީން ވަކި ވުމާގުޅިގެން، މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިފައިވާ ގޮތަށް އައި ބަދަލު ވަކި ގޮތަކަށް ނިމެންދެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މަސައްކަތް ހުއްޓާލުމަށް، ދެވަނަ ދައުރު ނިމުމުގެ ކުރިން މަޖިލިސް ރައީސް އޮތީ އަންގަވައިފައެވެ.
ނަމަވެސް ދާއިމީ ކޮމިޓީތައް އެކުލަވައިލުމަށް، އެމްޑީޕީން އެދިގެން، ދެވަނަ ދައުރުގައި ޗުއްޓީ ތެރޭގައި، ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ދެ ޖަލްސާއެއް ބާއްވައި ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ހިމެނެންޖެހޭގޮތް ފާސްކޮށްފައެވެ.
މިއަދުގެ ޖަލްސާގައި އެކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، "10 ޖުލައިގައި ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާގައި މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލު ކުރައްވާނެ ނިސްބަތް ވަނީ ފާސްކޮށްފައި، މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ކޮމިޓީތަކަށް އެ ނިސްބަތުން މެންބަރުން އިންތިހާބު ކުރުމަށް ސިޔާސީ ޕާޓީތަކަށް ލިބިފައިވާ ސްލޮޓްތަކުގެ ތެރެއިން މަދު ސްލޮޓެއް ފިޔަވައި ކޮމިޓީތަކުގައި ތަމްސީލު ކުރައްވާނެ މެންބަރުންގެ ނަންތައް ސިޔާސީ ޕާޓީތަކުން ވަނީ ފޮނުވައިފަ، ހަނދުމަފުޅު ބަހައްޓަވާތި މިއީ ޑިމޮކްރެޓްސް މަޖިލިސް ދަފްތަރުގައި ހިމެނުމުގެ ކުރީގައި ނިންމާފައި އޮތް ނިންމުމެއް،" ކަމަށެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވަނީ މިއަދުއެވެ. އެޕާޓީގެ މެންބަރުންގެ ގޮތުގައި ދަފްތަރުގައި ހިމަނަން ހުށަހަޅާފައި ވަނީ އެންމެ ތިން މެންބަރުންގެ ނަމެވެ. އެއީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން އެވެ. މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ދަ ޑިމޮކްރެޓްސްއިން މަޖިލީހަށް ފޮނުވާފައި ވަނީ އެ ތިން މެންބަރުންގެ މައުލޫމާތު އެކަނި ކަމަށެވެ.
އެހެންކަމުން އެ ބަދަލާއެކު މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނޭ ނިސްބަތަށް އަނެއްކާވެސް ބަދަލު ގެންނަން ޖެހޭކަން ފާހަގަ ކުރައްވައި، އެކަމަށް ޓަކައި މަޖިލީހުގެ އިދާރާއިން ހުށަހަޅާ ހުށަހެޅުންތައް މެންބަރުންގެ ޕޯޓަލްއިން ފެނިވަޑައިގަންނަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މި މައްސަލަގަނޑުގައި ނަން އިއްވެވި ތިން މެންބަރުން މާލަމުން ނިކުންނެވުމަށް މަޖިލިސް ރައީސް ތަކުރާރުކޮށް އެންގެވުމުންވެސް އެ މެންބަރުން މާލަމުން ނުނިކުންނެވިއެވެ.
އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ރައީސްގެ އެންގެވުމަށް މެންބަރުން ކިޔަމަންވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި މެންބަރުންގެ ކެމްޕެއިންގެ ޖަޒުބާތުގައި މަޖިލީހަށް ވަޑައިގެން މުޒާހަރާ ކުރައްވަމުން ގެންދެވުމަކީ މަޖިލިސް ގެންދާނެ އުސޫލެއްނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، "ތިޔަ މެންބަރުން ނިސްބަތްވާ ޕާޓީން ރަށްރަށަށް ދިއުމުންވެސް ހަމަނުޖެހުން އުފެދުމާއި، ހަޅުތާލު ހިންގުމާއި މާރާމާރީ ހިންގުން އެބަ އާއްމުވޭ، ތިޔަ މެންބަރުން މަޖިލީހުގައިވެސް ތި ދައްކަވަނީ އެ މަންޒަރު، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ގާނޫނު އަސާސީން ލިބިފައިވާއިރު އެ ފުރުސަތު ދޫކުރައްވައި ރަށްރަށުގައި ދައްކަވަނީ ހަމަ އެ މަންޒަރު، ރައްޔިތުން އެދޭނެ މަންޒަރެއްނޫން އެއީ،" ކަމަށެވެ.
އެ މެންބަރުން މާލަމުން ނުނިކުންނެވުމުން، މަޖިލިސް ރައީސް ވިދާޅުވީ، "މަޖިލީހަށް ޕެޕާސްޕްރޭއެއްވެސް ނުޖެހޭނެ ދަގަނޑު މުގުރެއްވެސް ނުގެނެވޭނެ، ކަރަންޓް މުގުރެއްވެސް ނުގެވޭނެ އަޅުގަނޑުމެން މިކަން ކުރަމުންގެންދާނީ ސުލްހަވެރިކަމާއެކު ރަށްރަށަށް ވަޑައިގެން ތި ދައްކަވާ މަންޒަރު މި މަޖިލީހުގައި ނުދެއްކެވުމަށް،" ދަންނަވަން ކަމަށެވެ.
އެއަށްފަހު ވިދާޅުވީ، "ސާޖަންޓް އެޓް އާމްސްގެ އޮފީހުގައި ދަންނަވަން، އެބޭފުޅުން މާލަމުން ނެރުމުގެ މަސައްކަތް ފަށައިގަތުމަށް، ފުރަތަމަ ކެލާ ދާއިރާގެ މެންބަރު އެއަށްފަހު ދާންދޫ ދާއިރާގެ މެންބަރު އެއަށްފަހު ތިނަދޫ އުތުރު ދާއިރާގެ މެންބަރު،" ކަމަށްވެސް ވިދާޅުވިއެވެ.
އެވަރުންވެސް ނަން އިއްވެވި އެއްވެސް މެންބަރަކު ނުނިކުންނެވުމުން، އެ މެންބަރުން ނިކުންނަވަންދެން 9:31 ގައި މަޖިލިސް ރައީސް މަޖިލިސް ޖަލްސާ މެދުކަނޑުއްވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު