މަޑަގަސްކަރާގައި މި މަހު 25 ވަނަ ދުވަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ގައުމީ ޓެނިސް ޓީމުން ވާދަކުރާ އިރު، މި ގޭމްސް އަކީ އެކި ގޮތްގޮތުން ޓެނިހަށް ވަރަށް ފަހި ފުރުސަތުތަކެއް އޮތް ގޭމްސްއެކެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އިންޑިވިޖުއަލް ކުޅިވަރުތަކުގެ އެތުލީޓުން އަންނަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން، ސަރުކާރާއި އޮލިމްޕިކް ކޮމިޓީގެ އިތުރުން ޓެނިސް އެސޯސިއޭޝަން ގުޅިގެން ކުރަމުން އަންނަ އެކި މަސައްކަތުގައި ޓެނިހުން ލިބޭ ފުރުސަތުތައް އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން، މީގެ ކުރިން އެއް ފަަހަރު އައިއޯއައިޖީގައި ވާދަކޮށް ޓެނިހަށް ހަތަރުވަނަ ލިބިފައިވުމަކީ، ކުރިއަށް ދިއުމަށް ބަލާ އިރު، އުންމީދު އާ ވެގެންދާ ކަމެކެވެ. އެއީ، 2015 ވަނަ އަހަރުގެ އައިއޯއައިޖީގައި ހަތަރުވަނަ ލިބިފައި، އޭގެ އަހަރުތަކެއް ފަހުން ރާއްޖޭން އަނެއްކާ ވެސް އައިއޯއައިޖީގެ ޓެނިސް އިވެންޓުގައި ވާދަކުރަން ތައްޔާރުވާ އިރު، މި ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޒުވާން ކުޅުންތެރިންތައް ވިދާލައި، ބައިނަލްއަގުވާމީ ލެވަލްގައި ވެސް ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ.
ޓެނިސް އެސޯސިއޭޝަނުން ދުރު ރާސްތާ ވިސްނުމެއްގެ ތެރެއިން ޒުވާން ކުޅުންތެރިން ޑިވެލޮޕްކުރަން ރާއްޖޭގައި މިދިޔަ އަހަރު ވަނީ ބައިނަލްއަގުވާމީ ޓެނިސް މުބާރާތެއް ލޯންޗްކޮށްފައެވެ.
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް)ގެ ރައީސް އަހުމަދު ހަފީޒް، ވިދާޅުވާ ގޮތުގައި މިދިޔަ އަހަރު ފެށި މޯލްޑިވްސް ޓެނިސް ޗެލެންޖް، ކޮންމެ އަހަރަކު ވެސް ބާއްވައި، އަހަރުން އަަހަރަށް ވީހާ ވެސް ބޮޑު އިވެންޓެއްގެ ގޮތުގައި ބޭއްވުމަކީ ހާއްސަ އަމާޒެކެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ، މުސްތަގުބަލުގައި ރާއްޖޭގެ ޓެނިސް ކުޅުންތެރިން ބައިނަލްއަގުވާމީ މުބާރާތްތަކަށް ދާއިރު، އެ ލިބެން ޖެހޭ ތަޖުރިބާތައް ވީ އެންމެ ފުރިހަަމައަކަށް ލިބިފައި ބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހުރިހާ ވިސްނުމަކުން ބަލާ އިރު، ރާއްޖޭގެ ޓެނިސް ކުޅުންތެރިންނަށް މި ފަަހަރުގެ އައިއޯއައިޖީ އަކީ ކުރިއަށް ދިއުމަށް ރަނގަޅު ފުރުސަތެކެވެ. މިހާރު ހުރި ލެވަލް ވަޒަންކޮށްލައި، މުސްތަގުބަލަށް ފޯކަސް ކުރަން ޖެހޭ މުހިންމު ކަންކަން ދެނެގަނެވޭނެ ބޮޑު ފުރުސަތެއް ވެސް މެ އެވެ.
- ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް