މަޑަގަސްކަރައިގައި މި މަހު 25 ވަނަ ދުވަހު ފަށަން ނިންމާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށްގެން މީގެ ދެތިން މަސް ކުރިން ގައުމީ ޓެނިސް ޓީމުން ޕްރެކްޓިސް ފަށާފައިވާ އިރު، ގޭމްސް އިން ކާމިޔާބު ހޯދުމުގެ ވިސްނުމުގައި މެޑަލް ޓާގެޓެއްގެ އިތުރުން ކުރިއެރުމަށް ވެސް ފޯކަސް ކުރާނެ ކަމަށް ގައުމީ ޓެނިސް ޓީމުގެ ކޯޗު އީވޯ އާއި ކުޅުންތެރިން ބުނެފިއެވެ.
އައިއޯއައިޖީގައި ރާއްޖޭގެ ޓެނިސް ޓީމުން އެންމެ ފަހުން ވާދަކުރީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން، އަނެއްކާ ވެސް ޓެނިސް ޓީމެއް އައިއޯއައިޖީއަށް ތައްޔާރުވަމުން އަންނަ އިރު، ހާލަތު އޮތީ ވަރަށް ބަދަލުވެފައެވެ. ޓެނިހުގައި ގިނަ ކުޅުންތެރިންތަކެއް މިދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ ލެވަލްގައި ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ. ބޭރުގެ ސްކޮލަޝިޕްތަކުގައި ވެސް ގައުމީ ޓެނިސް ޓީމުގެ ކުޅުންތެރިން އަންނަނީ ތަމްރީން ހޯދަމުންނެވެ.
ގައުމީ ޓެނިސް ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ، ފިރިހެން ސިންގަލްސް ޗެމްޕިއަން، އަބްދުﷲ ފާއިހް ފަޒީލް (ފާއީ) ބުނީ މީގެ ކުރިން ރާއްޖެއަށް އައިއޯއައިޖީގައި ހަތަރު ވަނަ ލިބިފައިވުމުން މި ފަހަރު އަމާޒު ހިފަން ޖެހޭނީ އެއަށްވުރެ ރަނގަޅަށް ނިންމާލުމަށް ކަމަށެވެ.
"ކުރިން ސެމީ ފައިނަލުގައި ބަލިވެއްޖެއްޔާ ވެސް ބްރޮންޒް ލިބޭ. ދެން އެ ފަހަރު ރޫލް އިން ގޮތުން، ޖެހުނީ ބްރޮންޒް މެޗެއް ކުޅެން. ދެން ނާކާމިޔާބުވީ، އެހެންވީމަ މި ފަހަރު މި ބަލަނީ އެ އަށްވުރެެ ކުރިއަށް ދާން. މެޑަލް ޓާގެޓެއްގައި މަސައްކަތް މި ކުރަނީ، ދެން ޖޫނިއާ ކުޅުންތެރިން ވެސް ގިނަ މި ފަހަރު. އެކަމަކު މި ބަލަނީ އެ މީހުންގެ ހާޑް ވޯކާއި ޑެޑިކޭޝަންއާ އެކު، ރަނގަޅު ކާމިޔާބެއް އެޗީވްކުރަން،" ފާއީ ބުންޏެވެ.
ފާއީ ބުނީ މިހާރު އޮތް ސްކޮޑަކީ ތަޖުރިބާ އާއި ހުނަރަށް ބަލާ އިރު، ވަރަށް ރަނގަޅު ޓީމެއް ކަމަށާއި މަސައްކަތްކޮށްގެން ކުރިއެރުމާއި ކާމިޔާބު ހޯދޭނެ ކަމަށެވެ.
ރާއްޖެ ޓީމުގެ ކޯޗު އީވޯ ބުނީ ބައިނަލްއަގުވާމީ ކޮންމެ މުބާރާތަކީ ވެސް ޗެލެންޖެއް ކަމަށެވެ. އެގޮތުން، އައިއޯއައިޖީގައި ވާދަކުރާ ގައުމުތަކަށް ބަލާ އިރު، އެ ތަންތަނުގައި ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ތިބޭނެ ކަމަށާއި ޖެހޭނީ މި ކުރެވޭ ޕްރެކްޓިސްތަކާއި މި ކުޅެމުން އަންނަ މުބާރާތްތަކުން ދަސްވާ ކަންކަން ވީ އެންމެ ރަނގަޅަށް ބޭނުން ހިފަން ކަމަށް އީވޯ ވަނީ ބުނެފައެވެ.
އައިއޯއައިޖީގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން، ރީޔޫނިއަންގައި ފްރާންސަށް ނިސްބަތްވާ ރަނގަޅު ކުޅުންތެރިން ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އީވޯ ވަނީ ބުނެފައެވެ. އެކަމަކު، މީގެ ވިސްނަން ޖެހޭނެ ކަމަކީ ކުރަން ޖެހޭ މަސައްކަތްތަކަށް ފަރުވާ ބަހައްޓައިގެން އަމިއްލަ ކަންކަން ރަނގަޅު ކުރުން ކަމަށް އީވޯ ބުންޏެވެ.
"ރަނގަޅު ވާހަކައެއް، މި ގައުމުތަކުގައި ލެވަލްތަކުގެ ތަފާތު ހުންނާނެ. ދެން މުބާރާތް ކުޅެން މި ޖެހޭ މާހައުލު، މަޑަގަސްކަރާ އަކީ ރާއްޖޭގެ އެތުލީޓުން މި ކުޅޭ މޫސުމާ ތަފާތު މޫސުމެއް އޮތް ތަނެއް. އެކަމަކު އަހަރެން ބުނާނީ މި ހުރިހާ ކަންޑިޝަން އަކަށް ހޭނިގެނޭ ކުރިއަށްދެވޭނީ،" އީވޯ ބުންޏެވެ.
ޓެނިސް ޓީމުގެ ކުޅުންތެރިން އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ދުރާލައި ޕްރެކްޓިސްތައް ފަށައިގެން، މި އަހަރުގެ އިންޓަނޭޝަނަލް މުބާރާތްތަކުގައި ލިބުނު ތަޖުރިބާގެ ބޭނުން މި ފަަހަރު އައިއޯއައިޖީގައި ހިފޭނެ ކަމެވެ. އެހެންކަމުން، ކުރިއަށްވުރެ ރަނގަޅު ނަތީޖާތަކެއް މި ފަހަރުގެ ގޭމްސްގައި ފެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ކުޅުންތެރިން ބުނެފައިވެއެވެ.
ރާއްޖޭގެ ޓެނިސް ޓީމު އެންމެ ފަހުން، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި އިރު، އޭރު އޮތް ސްކޮޑަށް މި ފަހަރު ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ.
- ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް