ކުރީގެ ނޫސްވެރިޔާ އަދި ސިޔާސީ އެކްޓިވިސްޓް އައިޝަތު އާނިޔާ މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާނިޔާ މަރުވީ އިންޑިއާގެ ބެންގަލޫރުގައި ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

އާނިޔާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްވަރު ހެދި “މިނިވަން ނޫސް” ހިންގުމުގައި އިސް ދައުރެއް އަދާ ކުރި އަދި ފަހުން “މިނިވަން ރޭޑިއޯ” ވެސް ހިންގި ބޭފުޅެކެވެ. އަދި 2008ގެ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ފުރަތަމަ އަހަރު ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުވެސް އަދާކުރެއްވިއެވެ.

އޭނާ އެމްޑީޕީން ވަކިވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ކުރިމަތިވި ނާކާމިޔާބާ އެކު މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ސޯޝަލް މީޑިއާގައި ވެސް އެކި ކަންކަމާ ގުޅޭ ގޮތުން ހިޔާލުފާޅުކޮށް ހެދި އާނިޔާ މި ފަހުން ގެންދެވީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.