އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ) އިން ރޭ އާންމުކޮށްފި އެވެ.
އީސީއިން ވަގުތީ ވޯޓާސް ލިސްޓުގެ އާއްމުކޮށް ޝަކުވާއަށް ހުޅުވައިލީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިދިޔަ މަހުގެ 15 އަށް ހަމަވިއިރު، މާ ބޮޑު ޝަކުވާއެއް ހުށަހަޅާފައި ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރާއިރު، ވޯޓު ލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. އެއީ 138،317 އަންހެނުންނާއި 144،355 ފިރިހެނުންނަށެވެ. އޭގެ ތެރެއިން 27،006 މީހުންނަކީ އަލަށް ވޯޓު ލެވޭ މީހުންނެވެ.
އީސީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފަހަރުގެ އިންތިހާބަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 8 ފޮށި، ޖަލުތަކުގައި ފަސް ފޮށި އަދި ސިނާއީ ރަށްތަކުގައި ވޯޓު ފޮއްޓެކެވެ.
ޚަބަރު
ޚަބަރު