އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އާދީއްތަ ދުވަހު ސްޕޭނާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު ދެ ޓީމުގެ ކުޅުންތެރިންގެ ސޯޓުގެ ކުލަ އެއްގޮތްވިޔަސް ޚާއްސަ ހާލަތެއް ކަމަށް ބަލައިގެން ގަދަނޫކުލައިގެ ސޯޓު ބޭނުންކުރުމުގެ ހުއްދަ އިންގްލެންޑަށް ދީފިއެވެ. ސްޕޭނުގެ ކުޅުންތެރިންގެ ސޯޓުގެ ކުލަޔަކީވެސް ގަދަ ނުލެވެ.
ފައިނަލް މެޗުގައި ހޯމް ޓީމުގެ މަގާމު ލިބިފައިވަނީ ސްޕޭނަށެވެ. އެހެންވީމާ މި މެޗުގައި ސްޕޭނުން ބޭނުންކުރާނީ ހޯމް ކިޓެވެ. އަވޭ ޓީމުގެ ގޮތުގައި އިންގްލެންޑަށް ބޭނުންކުރަން ޖެހެނީ އަވޭ ކިޓެވެ. އެ ކިޓުގެ ސޯޓުގެ ކުލަ މަޑުކަމުން އިންގްލެންޑުގެ ޓީމުގެ ކުޅުންތެރިންގެ ތެރެއިން ޕީރިއަޑުވެފައިތިބި ކުޅުންތެރިންގެ ސޯޓުން ލޭގެ އަސަރު ފެނުމުގެ ފުރުސަތު ބޮޑުވީމާ މިމައްސަލަ އިންގްލެންޑުގެ ޓީމުންވަނީ ފީފާއަށް ހުށައަޅައިފައެވެ. މައްސަލައިގެ ހައްސާސްކަމަށް ބަލައިފައި ފީފާއިން ނިންމީ ގަދަނޫކުލައިގެ ސޯޓު ބޭނުންކުރުމުގެ ހުއްދަ އިންގްލެންޑަށް ދިނުމަށެވެ.
ސްޕޭނާއި އިންގްލެންޑުގެ ފައިނަލް މެޗު ކޮންމެ ކޮޅަކަށް ނިމުނަސް އެ ގައުމެއް ވާނީ ފިރިހެނުންގެ ވޯލްޑްކަޕާއި އަންހެނުންގެ ވޯލްޑްކަޕްވެސް ކާމިޔާބުކުރާ ދެވަނަ ގައުމު ކަމުގައެވެ. މިހާތަނަށް މިކަން ކުރެވިފައިވަނީ ޖަރުމަނީއަށް އެކަންޏެވެ. ޖަރުމަނީގެ ފިރިހެން ޓީމު ވަނީ ހަތަރު ފަހަރު ވޯލްޑްކަޕް ހޯދައިފައެވެ. ޖަރުމަނީގެ އަންހެން ޓީމު ވަނީ ދެފަހަރު ވޯލްޑްކަޕް ހޯދަައިފައެވެ. އިންގްލެންޑާއި ސްޕޭން މިހާތަނަށް ކޮންމެ ބަޔަކުވެސް އެއްފަހަރު ފިރިހެނުންގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާއިރު އަންހެނުންގެ ވޯލްޑްކަޕް ހޯދިފައެއް ނުވެއެވެ.
އާދީއްތަ ދުވަހުގެ ފައިނަލުގެ ކުރިން ވޯލްޑްކަޕުގެ ތިންވަނަ ހޮވާ މެޗު އޮސްޓްރޭލިޔާގެ ބްރިސްބެންގައި މާދަމާ ކުޅޭނެއެވެ. ބައްދަލުކުރާނީ އޮސްޓްރޭލިޔާ އާއި ސުވިޑަންއެވެ. މެޗު ފަށާނީ މާލޭގަޑިން މެންދުރު އެކެއް ޖަހާއިރުއެވެ. އާދީއްތަ ދުވަހުގެ ފައިނަލް މެޗު ފަށާނީ އޮސްޓްރޭލިޔާގެ ސިޑްނީގައި މާލޭގަޑިން މެންދުރުފަހު ތިނެއް ޖަހާއިރުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު