ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ބަޔާން މިއުނިކުން ކުޅުނު މެޗުގައި ވާޑާ ބްރެމެން ބަލިކޮށްފިއެވެ.

އެންމެފަހުގެ ޗެމްޕިއަން ބަޔާނުން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ވާޑާ ބްރެމެން ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ބަޔާނުން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި އާރްބީ ލެއިޕްޒިގް އަތުން ވަނީ ބަލިވެފައެވެ. ޖަރުމަނު ސުޕަ ކަޕް މެޗުގައިވެސް އަލަށް ގެންދިޔަ އިންގްލެންޑް ކެޕްޓަން ހެރީ ކޭން ކުޅުނު ނަމަވެސް، އެ މެޗުގައި އޭނާއަށް ގޯލެއް ޖެހިފައެއް ނުވެއެވެ. އަދި އެ މެޗުން ބަލިވެ ބަޔާނަށް ސީޒަނުގެ ފުރަތަމަ ޓްރޮފީ ގެއްލިފައިވާ އިރު، ކޭން ތަށްޓަކަށް ކުރަމުން ދިޔަ އިންތިޒާރު ވަނީ ދިގުލައިގެން ގޮސްފައެވެ.

ރޭގެ މެޗުގެ ފުރަތަމަ 11 އަށް ކޭން ނުކުމެފައިވާ އިރު، ފުރަތަމަ ފަސް މިނެޓު ތެރޭގައިވެސް އޭނާގެ ނުރައްކާ ބަޔާންގެ ފޯވަޑް ލައިނުން ފެނިގެން ދިޔައެވެ. ހަތަރުވަނަ މިނެޓުގައި ކޭން ތަނަވަސްކޮށްދިން ފުރުސަތުގައި ލެރޮއި ސާނޭ ބަޔާނަށް ލީޑު ނަގައިދިނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބަޔާނަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެޓީމު ފެނުނީ ނުރައްކާކޮށެވެ. އެހެން ނަމަވެސް ދެވަނަ ހާފަށް ނުކުމެ، ހާފުގެ ކުރީކޮޅުގައި ވާޑާ ބްރެމެން ކުޅުން ރަނގަޅުކޮށް، ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރިއެވެ. އެޓީމުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވެގެން އުޅެނިކޮށް، 74 ވަނަ މިނެޓުގައި ބަޔާން ޖާޒީގައި ކޭން ޖެހި ފުރަތަމަ ގޯލާއެކު އެޓީމުން ލީޑު ފުޅާކުރިއެވެ.

ބަޔާންގެ އަނެއް ދެ ގޯލު ފެނިގެން ދިޔައީ މެޗުގެ ފަހު މިނެޓުކޮޅުގައެވެ. ސާނޭގެ ދެވަނަ ގޯލާއެކު ބަޔާނުން ތިންވަނަ ގޯލެއް ޖަހައި، މެޗު ނިންމާލީ ފަހު ސިކުންތުގައި މަތީސް ޓެލް ޖެހި ގޯލުންނެވެ.