ތ. ގުރައިދޫގައި ފުޓްބޯޅައިގެ ޒުވާން އާ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ވިންސިއާ ސްޕޯޓްސް އެކެޑެމީ މިއަދު ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

ވިންސިއާއިން ގުރައިދޫގައި ފެށި ވިންސިއާ ސްޕޯޓްސް އެކެޑެމީ ފެށުމުގައި ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ހުނަރުވެރި މޮޅު ފްރީސްޓައިލް އެތުލީޓް މުހައްމަދު ސައިފް އަލީ ޒާހިރުވެސް ބައިވެރިވެފައިވެއެވެ.

މިއަދު ހަވީރު ގުރައިދޫ ފުޓްސަލް ދަނޑުގައި ދަގަނޑޭ އާއެކު އެކެޑެމީ ކުދިން ހާއްސަ ވަގުތުކޮޅެއް ހޭދަކޮށްލާފައިވާ އިރު، އެކެޑެމީ ހުޅުވުމަށް ގުރައިދޫއަށް ގޮސް، ދަގަނޑޭ ވަނީ އެ ރަށުގެ ސްކޫލް ކުދިންނާއެކުވެސް އުފާވެރި ވަގުތަކެއް ހޭދަކޮށްފައެވެ. މިއަދު ފެށި ވިންސިއާ އެކަޑެމީގައި މިހާރުވެސް 87 ކުދިން ތަމްރީނުވާން ފަށާފައިވާ އިރު، ވިންސިއާ އެކަޑެމީއަކީ އެރަށުގައި ހުޅުވި ފުރަތަމަ ކުޅިވަރު އެކެޑެމީއެވެ.

ވިންސިއާ އެކަޑެމީގެ ބޭނުމަކީ ގުރައިދޫގައި ފަނޑުވެފައި އޮތް ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް، ފުޓްބޯޅައިގެ އާ ޖީލެއް ބިނާކުރުން ކަމަށް ވިންސިއާގެ ރައީސް ހަނާން މުހައްމަދު ރަޝީދު "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

"އެކެޑެމީގެ ބޭނުމަކީ ގުރައިދޫގައި މި ވަގުތު ފަނޑުވެފައި އޮތް ފުޓުބޯޅަ ފޯރި އަލުން ގެނެސް، ފުޓުބޯޅައިގެ އާ ޖީލެއް ބިނާކުރުން. އެ މަސައްކަތުގައި ދަގަނޑޭ އާއެކު މިއަދު ފެށި އެކަޑެމީ އެހީވެދޭނެ. އަސްލު އެންމެ ކުރިންވެސް ވިސްނީ ބޮޑުކޮށް ހުޅުވުމުގެ ރަސްމިއްޔާތުވެސް ކުރިއަށް ގެންދަން. އެހެންވެ ދަގަނޑޭ ރަށަށް ގެނެސް، އެކަން ކުރީ މުޅި ރާއްޖެއަށް ވިންސިއާގެ މަސައްކަތް ދައްކާލެވޭނެ ގޮތެއް ހެދުމަށް،" ހަނާން ވިދާޅުވިއެވެ.

ވިންސިއާއަކީ 2009 ވަނަ އަހަރުން ފެށިގެން ޒުވާނުންތަކެއް ހަރަކާތްތެރިވަމުން އަންނަ އިޖުތިމާއީ ހަރަކާތެކެވެ. މިދިޔަ އަހަރު ޖަމިއްޔާ ރަޖިސްޓްރީކޮށް، ރަށުގެ ކުރިއެރުމަށް ތަފާތު މަސައްކަތްތަކެއް ކުރަން ފަށާފައިވާ އިރު، މިހާތަނަށް އައިރު ކުޅިވަރު މުބާރާތްތަކުގައި ވިންސިއާ ފާހަގަކުރެވުނީ ކާމިޔާބު ޖަމިއްޔާއެއްގެ ގޮތުގައެވެ. އެގޮތުން ރަށު ފެންވަރުގައި ވޮލީ، ފުޓުބޯޅަ އަދި ފުޓްސަލް މުބާރާތްތަކުގައި ވިންސިއާ ވަނީ ކާމިޔާބީތައް ހޯދައިފައެވެ. އެކަޑެމީއާއެކު ވިންސިއާ ވަނީ ރަށަށް ހިދުމަތްކުރުގައި އާ ހަރުފަތެއްގައި މަސައްކަތް ފަށައިފައެވެ.