ޖަޕާންގެ މިޑްފީލްޑަރު ވަޓަރޫ އެންޑޯގެ ސޮއި ހޯދިކަން ޕްރިމިއާ ލީގުގެ ގަދަބާރު ލިވަޕޫލުން މިއަދު އިއުލާންކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ޖަޕާން މިޑްފީލްޑަރު ލިވަޕޫލާ ގުޅިފައިވަނީ ހަތަރު އަހަރު އެއްބަސްވުމެއްގައެވެ. ލިވަޕޫލުން އެންޑޯ ހޯދަން ޖަރުމަންގެ ސްޓަޓްގާޓަށް ދައްކާފައި ވަނީ 16.2 މިލިއަން ޕައުންޑްގެ އަގެކެވެ. އެންޑޯ ލިވަޕޫލްގެ ތަމްރީނުތަކާ ރަސްމީކޮށް ގުޅޭނީ އިންޓަނޭޝަނަލް ކްލިއަރެންސް ކަންކަން ނިމި ވޯކް ޕާމިޓް ހަމަޖެހުމުންނެވެ.

ލިވަޕޫލްގެ މިޑްފީލްޑަށް ކުޅެމުންދިޔަ ފަބީނިއޯއާއި ކެޕްޓަން ޖޯޑަން ހެންޑަސަން އަދި އެލެކްސް އޮކްސްލޭޑް ޗެމްބަލޭން އަދި ނަބީ ކެއިޓާއާއި ޖޭމްސް މިލްނާވެސް މި ސީޒަނަށް އެ ކްލަބު ދޫކޮށްލާފައިވާ އިރު، އެތަން ފޫބެއްދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުން ބްރައިޓަންއަށް ކުޅެމުންދިޔަ އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓާވެސް ލިވަޕޫލުން ގެންގޮސްފައިވާ އިރު، އޭގެ ފަހުން އެ ކްލަބުން ގެންދަން މަސައްކަތް ކުރީ ރޮމިއޯ ލާވިއާއާއި މޮއިސެސް ކައިސޭޑޯއެވެ. އެ ދެ ކުޅުންތެރިންވެސް ލިވަޕޫލަށް ނޫނެކޭ ބުނެ، ދިޔައީ ޗެލްސީއަށެވެ.

ލިވަޕޫލަށް ގެންދިޔަ އެންޑޯއަކީ މިވަގުތު ޖަޕާނު ގައުމީީ ޓީމުގެވެސް ކެޕްޓަނެވެ. އަދި އޭނާ މިދިޔަ ސީޒަންގައި ސްޓަޓްގާޓްގެ ކެޕްޓަންކަންވެސް ކޮށްފައިވެއެވެ. އެންޑޯއަކީ ސެންޓަ ބެކްގެ އިތުރުން ޑިފެންސިވް މިޑްފީލްޑަރަކަށްވެސް ކުޅޭ ކުޅުންތެރިއެކެވެ.

ލިވަޕޫލާ ގުޅުމަށްފަހު އެންޑޯ ބުނީ ޕްރިމިއާ ލީގުގައި ކުޅުމަކީ އަބަދުވެސް ދެކެމުން ދިޔަ ހުވަފެނެއް ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބަށް ސޮއިކުރުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

އެންޑޯ ވަނީ ޖަޕާނަށް 50 މެޗު ކުޅެދީފައެވެ. އޭނާ ސްޓަޓްގާޓާ ފުރަތަމަ ގުޅުނީ 2019 ވަނަ އަހަރުއެވެ. އެއީ ބެލްޖިއަމްގެ ސިންޓް-ޓްރުޑެންއިންނެވެ. ފުރަތަމަ ލޯނެއްގައި އެންޑޯ ސްޓަޓްގާޓަށް ދިޔަ ނަމަވެސް، ސީޒަނަކަށްފަހު އެ ޓްރާންސްފާ ދާއިމީ ކުރިއެވެ.