މިމަހު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ރާއްޖޭގައި ތިބެގެން ރަނގަޅު މަސައްކަތްތަކެއް ކުރެވި، ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފި އެވެ.
ސީދާ ގޭމްސް އަށް ތައްޔާރުވުމަށް އަމާޒު ހިފައިގެން އެސޯސިއޭޝަނުން ވަނީ އިންޓަނޭޝަނަލް ފެޑެރޭޝަންގެ ކޮންސަލްޓަންޓެއްގެ އެހީ ހޯދައިފަ އެވެ. މުޅި އަހަރު ތެރޭގެ އެކި ދުވަސްވަރު ރާއްޖެ އައިސް މަސައްކަތްކުރި ކޮންސަލްޓަންޓް މިގޭލް އަކީ ޗައިނާގެ ޓްރެއިނިން ސެންޓަރެއްގައި މިހާރު ވެސް މަސައްކަތްކުރާ ހެޑް ކޯޗެކެވެ.
ގޭމްސްގެ ކުރިން އޭނާ ރާއްޖޭގެ ފެތުންތެރިންނާ އެކު އެންމެ ފަހުން ހޭދަކުރި 10 ދުވަހަށް ފަހު ރާއްޖެއިން ފުރީ ބުރާސްފަތި ދުވަހުގެ ރެއެވެ. ޓެކްނިކަލް އެޑްވައިޒަރެއްގެ ގޮތުގައި އޭނާ ވަނީ ކޮންމެ ތިން މަހަކުން ރާއްޖެ އައިސް ރާއްޖޭގެ ފެތުންތެރިން ކުރިއަރުވަން މަސައްކަތް ކޮށްފަ އެވެ.
ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވީ ރަޝިޔާގެ ދެ ކޯޗުން އައިސް ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށް، ކުރިއެރުންތަކެއް ހޯދައިދިން ކަމަށެވެ. އެގޮތުން ރަޝިޔާ އިން އައި ދެ ކޯޗުންގެ ތެރެއިން އެއް ކޯޗު މަސައްކަތްކުރީ ސީދާ ގޭމްސް އަށްދާ ފެތުންތެރިންނާއެކު، އެ ފެތުންތެރިން ތަމްރީނުކުރުމުގަ އެވެ. އަދި އަނެއް ކޯޗު ޑިވެލޮޕްމަންޓް މަސައްކަތްތަކުގައި ވަރަށްބޮޑަށް ބައިވެރިވިކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދީފައިވެ އެވެ.
ރާއްޖޭގެ ފެތުންތެރިންގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ އެންމެފަހުން 2019 ވަނަ އަހަރު ގޭމްސްގައި މެޑަލް ހޯދި އެހެން ގައުމުތަކުގެ އެތްލީޓުންގެ ހުނަރު ވަރަށް ބޮޑަށް ބަލާ ދިރާސާކޮށްގެންނެވެ.
"އެންމެކައިރިން ވާދަކުރެވޭނެ އިވެންޓްތަކަށް ބޮޑަށް ފޯކަސްކޮށްގެން ތަމްރީނުތައް ކުރިއަށް ގެންދިޔައީ. މައިގަނޑު ހުރިހާ އިވެންޓެއްގައިވެސް ރާއްޖޭގެ ހުރިހާ ފެތުންތެރިންވެސް ވާދަކުރާނެ." އިސްމާއީލް އަލީ ވިދާޅުވި އެވެ.
ގޭމްސްގައި ވާދަކުރާއިރު ރާއްޖޭގެ ފެތުންތެރިންނަށް ކުރިމަތިވާ އެންމެބޮޑު ގޮންޖެހުމަކީ ތިން ގައުމެއް ތަމްސީލްކުރަން ފްރާންސްގެ ފެތުން ތެރިން އަންނަ އައުމެވެ. ދުނިޔޭގެ ބޮޑަތި ގޭމްސްތަކުގައި ވާދަކޮށް މެޑަލް ހޯދާފައިވާ ފެތުންތެރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ތިން ގައުމެއްގެ ޓީމްގައި ހިމެނިގެން ވާދަކުރެއެވެ.
ރާއްޖެއިން ގޭމްސްގައި ވާދަކުރާ ޓީމްގައި ހިމެނެނީ 12 ފެތުންތެރިންނެވެ. އެއީ އަންހެން 6 އަދި ފިރިހެން 6 ފެތުންތެރިންނެވެ.
- ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން