ސެނެގާލްގެ ޑާކާގައި ކުރިއަށްދާ ޔޫތު އޮލިމްޕިކްސް 2026 ގެ 50 މީޓަރު އަންހެން ބަޓަފްލައި އިވެންޓުން ރާއްޖޭގެ ގައުމީ ރެކޯޑު އާކޮށް، އަމްނާ ތަޒްކިޔާ މިރުސާދު ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

މިފަހަރު ޔޫތު އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރަނީ ސްވިމިންގައެވެ. އެއީ ތަޒްކިޔާގެ އިތުރުން ލޫތު މުހައްމަދު ހުސައިންއެވެ.

ޑާކާގެ އެކުއެޓިކް ސެންޓާގައި ފެތުމުގެ އިވެންޓްތައް ކުރިއަށްދާ އިރު، ތަޒްކިޔާ ވަނީ ދެ އިވެންޓެއްގައި ފަތާފައެވެ. އެއީ ރެކޯޑު އާކުރި 50 މީޓަރު ބަޓަފްލައި އިވެންޓާއި 50 މީޓަރު ފްރީސްޓައިލް އިވެންޓްގައެވެ.

ތަޒްކިޔާ ރެކޯޑު އާކުރީ 50 މީޓަރު ބަޓަފްލައި އިވެންޓްގައި ރޭސް ނިންމީ 31.04 ސިކުންތުންނެވެ. އެއީ ކުރިންވެސް އޭނާ އަތުގައި އޮތް ރެކޯޑެކެވެ. އުންމީދީ ފެތުންތެރިޔާ ތަޒްކިޔާ އެފަހަރު ރެކޯޑު ހަދާފައު އޮތީ މިއަހަރު ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލްގައި ވާދަކޮށް، 31.24 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓް ތަޒްކިޔާ ނިންމީ ޖުމުލަ 40 ފެތުންތެރިންގެ ތެރެއިން 27 ވަނައުގައެވެ.

ދެން ވާދަކުރި ފްރީސްޓައިލް ހީޓް ތަޒްކިޔާ ނިންމީ 28.17 އިންނެވެ. އެ އިވެންޓްގެ ރެކޯޑުވެސް އޮންނަނީ ތަޒްކިޔާ އަތުގައެވެ. އެއީ 27.99 ސިކުންތުން ކޮމަންވެލްތު ގޭމްސްގައި ރޭސް ނިންމައިގެން ހެދި ރެކޯޑެކެވެ. އެ އިވެންޓްގައި ބައިވެރިވި 68 ފެތުންތެރިންގެ ތެރެއިން ތަޒްކިޔާ ވަނީ 28 ވަނަ އަށް ގޮސްފައެވެ. އެހެންކަމުން ތަޒްކިޔާ ވަނީ ރަނގަޅު ޓައިމިންއެއްގައި މިއަދުގެ ހީޓްތައް ނިންމައިފައެވެ.

ރާއްޖޭގެ ލޫތު ވަނީ 200 މީޓަރު އަދި 100 މީޓަރު ފިރިހެން ބްރެސްޓްސްޓްރޯކް އިވެންޓްތަކުގައި ވާދަކޮށްފައެވެ. ލޫތު 100 މީޓަރު ބްރެސްޓްސްޓްރޯކް ހީޓް ދޭއްގައި ވާދަކޮށް، ހީޓް ނިންމީ ހަތްވަނައިގައެވެ. އެއީ އެއް މިނެޓް، 11.50 ސިކުންތުގެ ޓައިމިންއަކާ އެކުގައެވެ. 200 މީޓަރު ހީޓްގައި ވާދަކޮށް ލޫތު ވަނީ ދެ މިނެޓް، 43.86 ސިކުންތުން ރޭސް ނިންމައިފައެވެ.

އެ ދެ އިވެންޓްގެވެސް ރެކޯޑު މިހާރު އޮންނަ ފެތުންތެރިޔަކީ ލޫތެވެ.