ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުކޮށްދެއްވައި ރިޒްގު ތަނަވަސްކޮށްދެއްވައި ނުބައި މަރަކުން މަރުވެދިއުމާ ދުރުހެލި ކުރައްވާނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ރަހިމުގެ ގުޅުން ދެމެހެއްޓުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ގާތްތިމާގެ މީހުންނަށް އިހުސާންތެރިވުމާއި އެ މީހުންނަށް ޒިޔާރަތްކޮށް އެ މީހުންގެ ހާލުއަހުވާލު ބަލައި އެ މީހުންނަށް ހެޔޮ ފޯރުވުން ކަމަށާއި އެ މީހުންނަށް ޒިޔާރަތް ކުރެވެން ނެތް ހާލަތެއްގައި މިއަދު ފޯނުން ގުޅައި ހާލުއަހުވާލު ބަލައި, މުނާސަބަތުތަކުގައި ތަހުނިޔާ ބަދަލުކުރެވިދާނެ ކަމަށެވެ.

އަދި ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވާޖިބެއް ކަމަށާއި އެއީ މާތް الله ގެ ހަޟްރަތާ ތިމާ ކުއްތަންކޮށްދޭނޭ ހެޔޮ އަމަލެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެއީ މާތް الله ގެ ހަޟްރަތުގައި ވަރަށް މާތް ކަމެއް ކަމަށާއި ކީރިތި ޤުރުއާނުގެ ބަސްފުޅުތަކުގައި الله އަށް އަޅުކަންކުރުމާއި ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުން އެކުއެކުގައި ގެންނަވާފައިވާ ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެއީ އީމާންކަމުގެ އަލާމާތްތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށެވެ. އަދި ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުކޮށްދެއްވައި ރިޒްގު ތަނަވަސްކޮށްދެއްވައި ނުބައި މަރަކުން މަރުވެދިއުމާ ދުރުހެލި ކުރައްވާނޭ ކަމެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ اللهގެ ރުހިވޮޑިގަތުން ލިބޭނެ އަދި ދުނިޔެއާއި އާހިރަތުގެ ކާމިޔާބީ ލިބޭނެ ކަމެއް ކަމަށާއި އެއީ ފާފަ ފުއްސަވާވެސް ކަމެއް ކަމަށެވެ. އަދި ރަހިމުގެ ގުޅުން ކަނޑާ މީހުންގެ އަމަލުތައް މާތް الله ގަބޫލު ނުކުރައްވާނެ ކަމަށް ވާރިދުވެފައިވާ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

އެގޮތުން ރަހިމުގެ ގުޅުން ކެނޑުމުގެ ސަބަބުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައިވެސް އުގޫބާތް ލިބޭނޭކަން އަންގަވައި މާތް ނަބިއްޔާ ހަދީޡް ކުރައްވާފައިވާ ކަމަށް ބުންޏެވެ.