ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނިލަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަންވެސް ކުރެއްވި މުއިއްޒު ވިދާޅުވީ ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން މީގެ ކުރިން އެއްވެސް ސަރުކާރަކުން ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ ކުރީކޮޅުގައި ފަށާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ވަކި ހާއްސަ ކެޓަގަރީއެއް ހަދައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީއެއް ގާއިމްކޮށް، ސޯޝަލް ހައުސިން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތުގައި ހިމެނޭ ކަމެއްކަން މިރޭ އިއުލާނުކުރަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ ޓޫރިޒަމުން ކަމަށާއި އެހެންވެ، ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ވަރަށް އަދުލުވެރި އަދި އިންސާފުވެރި ކަމެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ޓޫރިޒަމްގެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ރިޓަޔާމަންޓް ޕެންޝަން ސްކީމެއް ތައާރަފް ކުރާނެ ކަމަށެވެ.
ދިރާސީ އަހަރު އަލުން ޖެނުއަރީ މަހަށް ބަދަލުކުރަން ނިންމުމުން ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެކަމުން ރިސޯޓު މުވައްޒަފުންނަށް ގެއްލުމެއް ނުލިބޭނެ ކަމަށާއި އޭނާގެ ވެރިކަމެއްގައި، އަހަރުގެ މެދުތެރެއިންވެސް ސްކޫލު ކުދިންނަށް ހަތަރު ހަފުތާގެ ބަންދެއް ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު