ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފާއި އެ ސިޓީގެ ކައުންސިލަރުން ދަ ޑިމޮކްރެޓްސް ދޫކުރައްވައި، އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން މާބޮޑު އަސަރެއް ނުކުރާނެ ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި މިދިޔަ މެއި މަހު އެމްޑީޕީން ވަކިވެވަޑައިގެންނެވި 12 މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔާސިރާއި ކުޅުދުއްފުށި ކައުންސިލްގެ މޭޔަރާއި އެ ކައުންސިލްގެ އެހެން މެންބަރުން ވަނީ، ރޭ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ.

ޑިމޮކްރެޓްސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމަށް އިޝާރާތްކުރައްވައި އެ ޕާޓީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އެ ބޭފުޅުން ޕާޓީ ދޫކުރެއްވި ނަމަވެސް މާބޮޑު އަސަރެއް ނުކުރާނެ ކަމަށާއި ކުޅުދުއްފުށި ސިޓީގެ މެޖޯރިޓީ އަދިވެސް ޑިމޮކްރެޓްސްއަށް ލިބޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އޭގެން އެއްވެސް އަސަރެއް، ބޮޑު އަސަރެއް ނުކުރާނެ. އަޅުގަނޑުމެންނަށް ކުޅުދުއްފުށީގެ ވޯޓު، އިރާދަކުރެއްވިއްޔާ ދަ ޑިމޮކްރެޓްސްއަށް ކަށަވަރުކޮށްދޭނަން. އެ ސިޓީގެ އާންމު ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މި ޕާޓީއަށް ސޮއިކޮށްފައިވޭ،" އިންތި ވިދާޅުވިއެވެ.

އިންތި އިތުރަށް ވިދާޅުވީ، ޑިމޮކްރެޓްސްގެ އެތެރޭގައި އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި އާއްމު މެންބަރުން ޕާޓީ ދޫކޮށް ނުދާ ކަމަށެވެ. އަދި އެ މެންބަރުން ޑިމޮކްރެޓްސްއާ ގުޅުނީ އެ ޕާޓީގެ ސިޔާސަތުތައް ގަބޫލުކުރާތީ ކަމަށް ވިދާޅުވިއެވެ.