• އއ. ބޮޑުފޮޅުދޫން އަލީ ރިފްޝާން

ވާދަވެރިންނަށް ކެމްޕޭން ކުރުމުގައިވެސް އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނާ ކައިރިކޮށް ނުލެވޭނެ ކަމަށާއި ވެވޭނެ ވައުދެއްވެސް ނޯންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު މި ރަށަށް ވަޑައިގެން، މި ސަރުކާރުން ތަރައްގީ ކޮށްފައިވާ ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ގައުމު ތަރައްގީވެ، ހަމަޖެހިގެން އާއިލާ އާއެކު ދިރިއުޅެވޭނެ މާހައުލެއް ކަމަށާއި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވަނީ ކުދި ރަށްތަކަށް އަޅައިނުލައި، އެ ރަށްތައް ބާކީކޮށްފައި އޮތުމުން ކަމަށެވެ.

"މީގެ ފަސް އަހަރު ކުރިއަށް ބަަލައިލާ އިރު، މިއީ ބާކީ ކޮށްފައިވާ ރަށްތަކެއް. އަސާސީ ހިދުމަތްތަކުގެ ގޮތުގައި ކޮށްދޭންޖެހޭ ކަންކަން ކޮށްދެވިފައެއް ނެތް. ކުރީ ސަރުކާރުތަކުން އަޅާލާފައި އޮތް ނަމަ، މިހާ ގިނަ ކަންކަން ކުރާކަށް ނުޖެހުނީސް. ވާދަވެރިންނަށް ކެމްޕޭނުގައިވެސް އަޅުގަނޑުމެންނާ ވާދައެއް ކޮށްނުލެވޭނެ. ވެވޭނެ ވައުދެއްވެސް ދެން ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުންގެ ގޮތުގައި ނުކުމެ ތިބީވެސް ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ކަމަށާއި އެ ބޭފުޅުންނަކީވެސް ޓެސްޓުކުރެވިފައިވާ ބޭފުޅުން ކަމަށެވެ. އަދި ރައްޔިތުން ވަރަށް ވިސްނުމަށްފަހު ގޮތް ނިންމުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ބޮޑުފޮޅުދޫ ކައުންސިލުގެ ރައީސް ސުޖާއު އާދަމް އަދި ކައުންސިލު މެންބަރު މުހައްމަދު ނާޝިޒް، އެމްޑީޕީއަށް ސޮއިކުރައްވައި، ރައީސް ސޯލިހަށް ވަނީ ފޯމު ހަވާލުކުރައްވައިފައެވެ. އޭގެ އިތުރުން މި ރަށުން 50 މީހަކު އެމްޑީޕީއަށް ސޮއިކޮށް، ފޯމު ހަވާލުކުރިއެވެ.