ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރ. މާކުރަތު ގޮނޑުދޮށް ހިމާޔަތް ކުރުމާއި އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ސާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އޮމަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 18,976.25 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ނަރިޝް ކުރުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10.08 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭގައި ނިންމުމަށެވެ.

މާކުރަތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 5,579 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބެކްފިލިން މަސައްކަތާއި 317 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 12.12 މިލިއަން ރުފިޔާއަށް 150 ދުވަސް ތެރޭގައި ނިންމުމަށެވެ.