ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށުގެ މައްސަލައިގެ އިއްވި ހުކުމުގައި ހިމެނޭ ޖޫރިމަނާގެ އަދަބު ފަސްކޮށްދޭން ހައި ކޯޓުން ކުރި އަމުރު އިސްތިއުނާފު ނުކުރުމަށް ޕްރޮސިކުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވުމުން، ކުރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ޔާމީން ހައި ކޯޓުގައި އެދިވަޑައިގެންފައިވަނީ އޮގަސްޓު މަހުގެ ހަވަނަ ދުވަހުއެވެ. އެއިރު އާރަށު މައްސަލައިގެ އިސްތިއުނާފު ހައި ކޯޓަށް ވަނީ ހުށަހަޅައިފައެވެ.
ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނެރުނު އަމުރުގައި ބުނީ ޖިނާއީ މައްސަލަތަކުގައި ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒުކުރުން ފަސްކުރުމާ ބެހޭ މަފްހޫމެއް އަދި އުސޫލެއް ނެތި، ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްފިނަމަ "އޭގެ ނަތީޖާއަކަށް ވާނީ ގާނޫނުގެ ހަމަހަމަކަން އެއްކިބާކޮށް، ގާނޫނު ނުދަންނަ އަދި ގާނޫނާ ބީރަށްޓެހި ގާއިދާއެއް ނިޒާމުގެ ތެރެއަށް ތައާރަފުކޮށް، އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން" ކަމަށެވެ.
އެހެންކަމުން ދަށު މަރުހަލާގެ ކޯޓުތަކުން ޖިނާއީ މައްސަލައެއްގައި މީހެއްގެ މައްޗަށް އިއްވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގާނޫނުތަކާއި ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ކަންކަމަށް ނުވާތީ، ޖިނާއީ އިޖުރާއަތުގެ ދަށުން ޖިނާއީ ހުކުމެއް ތަންފީޒުކުރުން ފަސްކުރަން، ޔާމީން އެދިފައިވާގޮތަށް އަމުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުގެ އަމުރުގައި ބުންޏެވެ. ނަމަވެސް ޖޫރިމަނާގެ އަދަބު ފަސްކުރެވިދާނެ ކަމަށާއި ސަބަބަކީ އެއީ ޖިނާއީ ހުކުމެއް ކަމަށް ނުވާތީ ކަމަށްވެސް ހައިކޯޓުގެ އަމުރުގައިވެއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، ހައިކޯޓުން ނެރުއްވާފައިވާ އަމުރަކީ ވަގުތީ އަމުރެއްކަމަށް ވެފައި, ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފައިވާތީ, އިސްތިއުނާފީ މައްސަލައާ މެދު ގޮތެއް ނިމުމުން ވަގުތީ އަމުރުވެސް ނިމުމަކަށް އަންނެ ކަމަށެވެ. އެހެންވެ, ހައިކޯޓުގެ އަމުރު އިސްތިއުނާފު ނުކުރަން ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު