ރާއްޖޭގެ ވެރިކަން ލިބުނަސް މިހާރު ވަޒީފާގައި ތިބި އެއްވެސް މީހަކު އެ ވަޒީފާއަކުން ވަކިނުކުރާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޑރ. މުއިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިރަށް ދިއްދުއަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެންމެ ހާއްސަ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމަށް ކަމަށެވެ. އެގޮތުން ގެދޮރުވެރިކަމަކީ ކޮންމެ މީހަކަށްވެސް ލިބެން ޖެހޭ އަސާސީ ކަމެއްގެ ގޮތުގައި ހައްދަވައި ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ދެ ވަނައަށް އެންމެ ހާއްސަ އިސްކަމެއްދެއްވާނީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ގެންނަ ތަރައްގީގެ މަޝްރޫއުތަކާއެކު އެތައް ވަޒީފާއެއް އުފެދޭނެ ކަމަށާއި އޭރުން ރައްޔިތުންނަށް މާލީ ފުދުންތެރިކަން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ބޭނުމަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާދޭކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި ވަޒީފާ ދީފައިވާ ފަރާތްތައްވެސް ވަޒީފާއިން ވަކި ނުކުރާނެ ކަމަށާއި އެއްވެސް މީހަކަށް ލިބޭ ފުރުސަތަކުން މަހްރޫމް ނުކުރާނެ ކަމަށެވެ.

"އެހެންނަމަވެސް ފަހަރެއްގައި ފަހަރެއްގައި އެ ވަޒީފާއަށް ނެގޭ ކުންފުނީގައި އެ ވަޒީފާއެއް ނޯވެދާނެ. އެހެން ނަމަވެސް މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން އެ މީހަކަށް ވަޒީފާ މިހާރު ލިބިފައިވާ ނަމަ އެ ވަޒީފާއެއް އެ ލިބުނު މުސާރައެއްގައި ލިބޭނެ ގޮތަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ކޮންމެވެސް ހިސާބަކުން އެ ވަޒީފާގެ ޔަގީންކަން އަޅުގަނޑު ދެމޭ، އިރާދަކުރެއްވިއްޔާ އެއްވެސް މީހަކު ބާކީއެއް ނުވާނެ، ވަޒީފާއަކުން ވަތްކެއް ނުކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ވަޒީފާގެ ބިރަށް ދީލައިނުލުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ވަޒީފާއިން ވަކި ނުކުރިޔަސް އިގުތިސޯދީ ގޮތުން އެ ކުންފުންޏަކަށް އަންނަން ޖެހޭ ބަދަލުތަކުގެ ތެރެއިން ވަޒީފާއަށް ބަދަލުތަކެއް އައިސްފި ނަމަވެސް ވަޒީފާ ނުގެއްލޭނެ ކަމަށެވެ.