ސިއްހީ ދާއިރާގެ ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި ޖަޕާންގެ އެއް ނަންބަރު ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓާއި ޖީ5 މޮނީޓަރު އެސްޓީއޯއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ތައާރަފުކޮށްފިއެވެ.
ކްރޮސްރޯޑްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އުފެއްދުންތައް ތައާރަފު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީއެވެ. މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އަދި ނިހޮން ކޯޑެން ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރު ހިރޮޓްސޫނީ ކޮބަޔާޝީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ނިހޯން ކޯޑެން މި ވަސީލަތްތަކަކީ އިމަޖެންސީ ރޫމާއި އޮޕަރޭޝަން ތިއޭޓަރު އަދި އައިސީޔޫތަކުގެ އިތުރުން ހޮސްޕިޓަލުގެ ކޮންމެ ޑިޕާޓްމެންޓެއްގައިވެސް ބޭނުންކުރެވޭނެ އިކުއިޕްމެންޓްތަކެކެވެ.
އެސްޓީއޯއިން ބުނީ، ރާއްޖެއަށް އަލަށް ތައާރަފު ކުރި މި ވަސީލަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން ނަރުހުންނާއި ޑޮކްޓަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މި ތަމްރީނުގެ ތެރެއިން ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރާއި ޖީ ފައިވް މޮނިޓަރުގެ ފީޗާސްތަކާއި އެކި ބޭނުންތަކުގެ އިތުރުން އެކި ހާލަތްތަކުގައިވާ ބަލި މީހުންނަށް މި ވަސީލަތްތަށް ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެ ކަމަވެސް ބުންޏެވެ.