މާލޭ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން އާންމުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން އެ ލިސްޓު އާންމުކުރީ ރޭ ދަންވަރު ސަރުކާރުގެ ގެޒެޓުގައެވެ. އެ ލިސްޓުގައިވާ ގޮތުން ގޯތި ލިބުނު މީހުންގެ އަދަދު 18،955 އަރައެވެ. އެ ފަރާތްތަކަށް 9،001 ގޯތި ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުން ދޫކުރާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް 23،088 މީހުން ވަނީ ގޯއްޗަށް އެދި ހުށަހަޅައިފައެވެ.
ރައީސް އޮފީހުގައި ރޭ ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ތެރެއިން މި ވަގުތު ގޯތި ދޫނުކުރެވެނީ 684 ފަރާތަކަށް ކަމަށެވެ.
އަކްރަމް ވިދާޅުވެފައިވަނީ ގޯތީގެ ވަގުތީ ލިސްޓު ފުރަތަމަ އިއުލާނުކުރިއިރު ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ގޮތުގައި ތިބީ 10،314 މީހުން ކަމަށެވެ. ނަމަވެސް ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމުން 18،955 ފަރާތަކަށް މިހާރު ގޯތި ދެވޭނެ ކަމަށެވެ.
"ދެން މި ފަހަރު 18955 ފަރާތަކަށް ދެވޭއިރު ނުދެވެނީ ހަމައެކަނި 684 ފަރާތަކަށް" އަކްރަމް ވިދާޅުވެފައިވެއެވެ.
އަކްރަމް ވިދާޅުވެފައިވަނީ ގޯތި ނުދެވެނީ، ކައިވެންޏެއް ނުކޮށް ދަރިޔަކުވެސް ނެތް 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުނަށް ކަމަށެވެ. ނަމަވެސް އެ އުމުރު ފުރާއިންވެސް ޖޮއިންޓް އެޕްލިކޭޝަންގެ ތެރެއިން 2068 ފަރާތަކަށް ގޯތި ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވެފައިވަނީ މި ވަގުތަށް ގޯތި ދޫނުކުރެވޭ 684 ފަރާތަށް ގޯތި ދޫކުރެވެނީ ބިން ނެތުމުން ކަމާއި ބިން ހަމަޖެހުމުން އެ ފަރާތްތަކަށްވެސް ގޯތި ދޫކުރާނެ ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ޝަތުރު ހަމަވާ 18،955 ފަރާތަށް ގޯތި ދީ ރަޖިސްޓަރީ ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން ދޫކުރެވޭނީ ކިތައް ގޯތި ކަމެއް އަކްރަމް ވިދާޅެއް ނުވެއެވެ.
ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލޭން 1،351 ގޯތީގެ އިތުރުން، ގުޅީފަޅުން 2،218 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 5،432 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު