ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރޭވި ކަމަށް ތުހުމަތުވާ ހަތަރު ދިވެއްސަކާ ގުޅުން ހުރި ތަންތަން ފާސްކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަތަރު ދިވެއްސަކު ރާއްޖެ އާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގެ ހެކި އެކުވެރި ދެ ދައުލަތަކުން ކޮށްފައިވާ ތަހުގީގުން ހާމަވެފައިވާތީ ކަމަށެވެ.

އެހެންވެ އެގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި ތިން ތަނެއް މިއަދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ތިން މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލައިގައި މައުލޫމާތު ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތަހުގީގަށް ބޭނުންވާ އެހީތެރިކަން ފުލުހުން ފޯރުކޮށްދެމުންދާ ކަމަށްވެސް ބުންޏެވެ.

ނަމަވެސް ރާއްޖޭގެ އިތުރުން ދެން އެ ހަތަރު މީހުން ހަމަލާދޭން ރޭވި ގައުމުގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.