އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދައުލަތުގެ މުދާ ބޭނުންކުރާ ނަމަ، އެ މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބުގެ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކުގައިވާ ގޮތުގައި ދައުލަތުގެ މުދަލެއް ކެމްޕެއިންގެ އެއްވެސް ހަރަކާތަކަށް ބޭނުން ކުރުމަކީ ކުށެއް ކަމަށެވެ.

ނަމަވެސް އެ ދެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ރިޔާސީ އިންތިހާބުގެ ގަވައިދާއި އާއްމު އިންތިހާބުގެ ގަވައިދުގައި ދައުލަތުގެ މުދާ ކެމްޕެއިންގެ ހަރަކާތްތަކުގައި ބޭނުންކުރެވިދާނެ ހާލަތްތަކެއްވާކަން ފާހަގަކޮށް އޭސީސީން ބުނީ، ދައުލަތުގެ މުދަލެއް ކެމްޕެއިންގެ ހަރަކާތެއްގައި ބޭނުންކުރަން ހުއްދަދޭ އިރު، ގާނޫނާއި ގަވައިދުތަކަށް އަމަލުކުރޭތޯ ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

އޭސީސީން ބުނީ އިންތިހާބުގެ ކެމްޕެއިނަށް ދައުލަތުގެ މުދާ ބޭނުންކުރުމާ ގުޅޭ ގޮތުން އާންމުން ހުށަހަޅާ މައްސަލަތަކާއި ކޮމިޝަނުގެ އިސް ނެގުމަށްވެސް އެ ފަދަ މައްސަލަތައް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އޭސީސީން ވަނީ އިންތިހާބުގެ ކަންކަމަށް ދައުލަތުގެ މުދާ ބޭނުންކުރުމަށް ހުއްދަ ދިނުމާއި ބޭނުން ކުރުމުގައި ގާނޫނާއި ގަވައިދުތަކާ ހިލާފުނުވުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ރިޔާސީ އިންތިހާބުގައި ދައުލަތުގެ މުދާ ބޭނުން ނުކުރަން އޭސީސީން އެދިފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ދައުލަތުގެ މުދާ ބޭނުންކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ދައުލަތުގެ ބައެއް ކުންފުނިތަކުގެ ލޯންޗުތަކާއި ވަސީލަތްތައް ބޭނުންކުރާ ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.