މިދިޔަ ފަސް އަހަރު އިޓަލީގެ ކޯޗުކަމުގައި ހުރި ރޮބާޓޯ މަންޗިނީ، އެ މަގާމުން އިސްތިއުފާ ދީފިއެވެ.

އުމުރުން 58 އަހަރުގެ މަންޗިނީ އިޓަލީގެ ކޯޗުކަމުން އިސްތިއުފާ ދިންކަން އެގައުމުގެ ފެޑަރޭޝަނުން ވަނީ މިއަދު އިއުލާނު ކޮށްފައެވެ. ފެޑަރޭޝަނުން ނެރުނު ބަޔާނުގައި ބުނީ މަންޗިނީ މަގާމުން އިސްތިއުފާ ދިނުމަށް އެދި އިއްޔެ ސިޓީ ހުށަޙަޅާފައިވާ ކަމަށާއި، މަންޗިނީ ނެތްތަން ފޫބެއްދުމަށް ގައުމީ ޓީމާ ހަވާލުވާނެ ކޯޗަކު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިއުލާނު ކުރެވޭނެ ކަމަށެވެ.

އިޓަލީގެ ފުޓުބޯޅަ ފެޑަރޭޝަނުން އިތުރަށް ބުނީ މަންޗިނީ ނިންމާލީ އިޓަލީ ފުޓުބޯޅަގެ ތާރީހީ ދުވަސްތަކެއް ކަމަށާއި، 2018 އިން 2023 އަށް މަންޗިނީގެ ކޯޗުކަމުގެ ދަށުގައި ޔޫރޯ 2020 ކާމިޔާބުކުރުމަކީ ފަހުގެ ތާރީހުގައި އިޓަލީން ހޯދި އެންމެ ބޮޑު ކާމިޔާބު ކަމަށެވެ. ހާއްސަކޮށް ޔުރޯ ކާމިޔާބުކުރުމުގައި އިޓަލީ ޓީމުން ދެއްކި ބަދަހިކަން ފެޑަރޭޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މަންޗިނީގެ ކޯޗުކަމުގައި ބަލިނުވެ 37 މެޗު އިޓަލީން ހަމަކޮށް ދުނިޔޭގެ ރެކޯޑު ހަދައި، ޔޫރޯ ކާމިޔާބުކުރި ނަމަވެސް، މިދިޔަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ވެފައެއް ނުވެއެވެ. އެ ނާކާމިޔާބީއާއެކު މަންޗިނީ އިސްތިއުފާ ނުދިނުމުން އެކަމަށް ކޮންމެވެސްވަރެއްގެ ފާޑުކިޔުމެއްވެސް ވަނީ އަމާޒުވެފައެވެ.

މަންޗިނީއަކީ ފުޓުބޯޅައިގެ ތަޖުރިބާކާރެކެވެ. އިޓަލީ ލީގުގެ ސަމްޕްޑޯރިއާގެ މިޑްފީލްޑަރަކަށް ކުރިން ކުޅުނު މަންޗިނީ، ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީގެ ކޯޗުކަމުގައި ޕްރިމިއާ ލީގު ތަށި، 2021 ވަނަ އަހަރު ހޯދާފައިވެއެވެ. އޭގެ އިތުރުން މަންޗިނީ ވަނީ އިޓަލީއާއެކު ނޭޝަންސް ލީގުގެ ތިންވަނަވެސް ހާސިލުކޮށްފައެވެ.