ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަަށް އިންތިހާބުވެއްޖެނަމަ، ރާއްޖެ ދާނީ ހަރުކަށި ފިކުރާދިމާލަކަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒަށް ތާއިދުކުރައްވާކަން ސަލަފު ޖަމިއްޔާގެ ބައެއް ދީނީ އިލްމުވެރިން ވަނީ ހާމަކުރައްވައިފައެވެ. ނަޝީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ސަލަފު ޖަމިއްޔާއަކީ ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ގއ. ކޮލަމާފުށީގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ޑރ. މުއިއްޒު ވެރިކަމަށް އިންތިހާބުވެއްޖެނަމަ، ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖެހިވަޑައިގަންނަވާނީ އެމްޑީޕީގެ ތެރެއިން އެ މަނިކުފާނަށް ޖެހިވަޑައިގެން ހާލު ކަމަށެވެ. އެ މަނިކުފާނު ފަދައިން ވެރިކަމުގެ އެއްވެސް ކަމަކަށް ހިޔާލު ދެއްވުމުގެ ފުރުސަތު ޔާމީނަށް ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މުއިއްޒުގެ ސަރުކާރެއް އުފެދިއްޖެ ނަމަ، ދެން އޭގެ މިސާލު އިތުރަށް ދުރަކަަށް ދާކަށް ނުޖެހޭނެ މިހިރީ. ދެން ރައީސް ޔާމީނަށް ވާނެ ގޮތް. ބާކީކުރުން، ވެރިކަމުގެ ކަންކަމުން ދުރުކުރުން، އެންމެ ފަހުން އައިސް މަރުގެ ތުންފަތް މައްޗަށް އައުން،" ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު ނަޝީދު ވިދާޅުވީ ޑރ. މުއިއްޒުގެ ވެރިކަމެއްގައި ގެއްލުންވާނީ ހަމައެކަނި ޔާމީނަށް ނޫން ކަމަށެވެ. އެކަމުގެ ގެއްލުން މުޅި ރާއްޖެއަށް ލިބިގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެން އަތުން ދިވެހި ރާއްޖެ ބީވެގެންދާ މިންވަރަށް ރާއްޖޭގެ ކަންކަން ހައްދުފަހަނައަޅައި ދިއުން. މިމަގަށް އަޅުގަނޑުމެން ދީލާލުން،" ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަތައް ދެއްކެއްވުމުގެ ކުރިން ނަޝީދު ވަނީ ރާއްޖެ ހެޔޮމަގަށް ގެނައުމަށް ދަ ޑިމޮކްރެޓްސްއިން ކުރާ މަސައްކަތައް ޕީޕީއެމް އަދި އެމްޑީޕީގެ މެމްބަރުންގެ އެހީއަށް ގޮވާލައްވައި، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ފަހަތަށް އެރުމަށް ގޮވާލައްވައިފައެވެ.

އަދި ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ ކަންތައްތަކުން ސަލާމަތް ކުރެވޭނީ އިލްޔާސަށް ކަމަށެވެ. އިލްޔާސްއަކީ ދުނިޔޭގެ ކަންކަން ހިނގާނުހިނގާ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.