ރިޔާސީ އިންތިހާބަށް ބޭނުންވާ ވަރަށް އަދިވެސް އޮފިޝަލުން ލިބިފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަބީބު ވިދާޅުވީ، އުއްމީދުކުރިވަރާ ގާތަށް ވެސް އަދި އޮފިޝަލުން ލިބިފައިނުވާ ކަމަށެވެ. އެހެންވެ މިމަަހުގެ 15 ވަނަ ދުވަހުގެ 15:00 ހަމައަށް އޮފިޝަލުން ރަޖިސްޓްރީ ވުމުގެ ފުރުސަތު އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ މުއްދަތު އިތުރަށް އިތުރު ކުރުމުގެ ވިސްނުމެއް ކޮމިޝަނުން ނުގެންގުޅޭ ކަމަށް ހަބީބު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މޮނިޓަރުންނާ އޮބްޒާވަރުންނާ ވެސް މި ހުޅުވާލީ ރާއްޖޭގެ މޮނިޓަރުންނާ އޮބްޒާވަރުންނަށް. ހުޅުވާލީމަ އޭގެ ތަރުހީބު ދެން އަޅުގަނޑުމެން އުއްމީދު ކުރި ވަރަކަށް ނޫން އޮތީކީ" ހަބީބު ވިދާޅުވިއެވެ.

އީސީގެ މެންބަރު ޑރ. މުހައްމަދު ޒާހިރު ވިދާޅުވީ އިންތިހާބުގެ މަސައްކަތަށް އަދިވެސް އޮފިޝަލުން ބޭނުންވާ ކަމަށާއި މިހާރު ވެސް އަންނަނީ އޮފިޝަލުން ނެގުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އޭނާ ވިދާޅުވީ އޮފިޝަލުން މަދުވުމުގެ ސަބަބުން ބައެއް ތަންތަނަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ ބައެއް ގައުމުތަކުގައި ވޯޓު ފޮށި އިތުރުވުމުގެ ފުރުސަތު ވެސް އެބައޮތްކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

އީސީގެ މެންބަރު މުހައްމަދު އާސިފު ވިދާޅުވީ ޕޯސްޓު މެދުވެރިކޮށް 404 ވޯޓު ފޮށި އަދި 804 ވޯޓިން ބޫތު ރަށްރަށް ފޮނުވައިފައިވާ ކަމަށެވެ. އަންނަ ސެޕްޓެމްބަރުމަހުގެ ތެރޭގައި ސެކިއުރެޓީ ފޮށިތައް ރަށްރަށް ފޮނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއިން ބޭރަށް ފޮނުވާ ވޯޓު ފޮށި އަދި ވޯޓިން ބޫތު ވެސް ފޮނުވާނީ އެ މަހުގައި ކަމަށް އާސިފް ވިދާޅުވިއެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަބީބު ވިދާޅުވީ އީސީގެ މެންބަރުންގެ މެދުގައި ކުރިން ހިޔާލުތަފާތުވުމެއް އޮތް ކަމަށެވެ. ނަމަވެސް މިހާރު އެފަދަކަމެއް ނެތް ކަމަށާއި ހިޔާލުތަފާތުވުމެއް ހުއްޓަސް އިންތިހާބުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު މީޑިއާގައި ހިއްސާކުރުން ރަނގަޅު ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރެއްވުމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ޖެހި ޕޯސްޓަރު ބޭނުންކުރުމުގައި ގާނޫނީ މައްސަލައެއް ނެތް ކަމަށެވެ.