ޚަބަރު

ނ. ކުޑަފަރި، ހެނބަދޫ އަދި މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ނިންމައި އިފުތިތާހުކޮށްފި

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން މ. މާޅެންދޫ، ކުޑަފަރި އަދި ހެނބަދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި އިފުތިތާހުކޮށްފިއެވެ.

އެ ރަށްތަކުގެ ފެނާއި ނަރުދަމާ ނިޒާމު އިފުތިތާހު ކޮށްދެއްވީ އެ ރަށްތަކުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުތަކުގައި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ދައުލަތުގެ ވަޒީރުންނާއި ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި ފެން ކުންފުނީގެ މުވައްޒަފުންގެ އިތުރުން އެ ރަށްތަކުގެ ރައްޔިތުން ބައިވެރިވިއެވެ.

މި ތިން ރަށުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅާފައިވެއެވެ. އޭގެ އިތުރުން ފެން އުފެއްދުމަށްޓަކާ ފެން ޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންސް އަޅާފައިވާއިރު، ފެން ރައްކާކުރުމަށްޓަކާ ފެން ތާނގީވެސް ބަހައްޓާފައިވެއެވެ.

ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަމްޕިން ސްޓޭޝަން ގާއިމުކޮށް އަދި ސީ އައުޓްފޯލް އަޅައި ވަނީ ނިންމައިފައެވެ. އަދި ގޭގެ ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ގުޅާފައިވާ އިރު، ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވެއެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން މި ތިން ރަށުގެ ފެނާއި ނަރުދަމާ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 122 މިލިއަން ރުފިޔާއަށެވެ.