ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭނީ 10 އަހަރަށްކަމަށް ފިޝަރީޒް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު "ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއ،ި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދު" އާންމުކޮށްފައެވެ.

އެ ގަވާއިދުގައިވާ ގޮތުން ފަޅުރަށްރަށުގެ ވަރުވާގެ އެންމެ ދަށް މިންވަރަކ،ީ ރަށުގެ ބިމުގެ އަކަފޫޓަކަށް އަހަރަކަށް ފަސް ރުފިޔާގެ ރޭޓުން ރަށުގެ ބިމުގެ ބޮޑުމިނަށް ޖެހޭ ފައިސާގެ މިންވަރެވެ. ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށުގެ ފަޅުތެރޭގައި އާމްދަނީ ލިބޭ އިތުރު އެއްވެސް މަސައްކަތެއް ކުރާނަމަ، ނުވަތަ އެ ފަޅުގެ ސަރަހައްދު އާމްދަނީ ލިބޭ މަސައްކަތަކަށް ބޭނުންކުރާ ނަމަ، ރަށުގެ ފަޅުގެ ސަރަހައްދުން ބޭނުންކުރާ ކޮންމެ އަކަފޫޓަކަށް އަހަރަކަށް ފަސް ލާރީގެ ރޭޓުން ވަރުވާ ނަގަންވާނެކަމަށް ގަވާއިދުގައި ބުންޏެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް ކުއްޔަށްދޭ ފަޅުރަށްރަށުގެ ބިމުގެ އަސާސީ ކުއްޔަކީ އަކަފޫޓަކަށް 10 ލާރިއެވެ.

ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށުގެ ވަރުވާ ދައްކަންވާނީ ހަތަރު ކުއާޓަރަކަށް ބަހައިލައިގެން ކަމަށާއި އެގޮތުން ކޮންމެ ކުއާޓަރެއް ފެށުމުގެ ކުރިން، އެ ކުއާޓަރެއްގެ ޕޭމަންޓް ދައްކައި ހަލާސްކުރަންވާނެކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް، އަހަރަކަށް ވަރުވާއަށް ދައްކަންޖެހޭ އަދަދު އެކީ އެއްފަހަރާ ދެއްކަން ބޭނުންވާނަމަ އެގޮތަށް ފައިސާ ދެއްކިދާނެކަމަށް ގަވާއިދު ހުރަސް ނާޅައެވެ.

ގަވާއިދުގައިވާ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމަށް ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރަށެވެ. ރަށެއް ކުއްޔަން ހިފަން ބޭނުންވަނީ އެއަށްވުރެ ކުރު މުއްދަތަކަށްނަމަ، އެކަމަށް ގޮތެއް ނިންމުމުގެ ބާރު މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވާކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ ތެރެއިން، އެ ރަށްރަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދެވޭނީ 21 އަހަރަށެވެ.

ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ރަށަކަށ،ް މިނިސްޓްރީއާއި ނުވަތަ ކައުންސިލާއި ވަރުވާއަށް ލިޔެދީފައިވާ ފަރާތާ ދެމެދު ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ވަރުވާ ނުވަތަ ކުލި ނުދައްކާނަމަ ވަރުވާގެ ނުވަތަ ކުލީގެ ފައިސާ ސަރުކާރަށް ދެއްކުމާ ހަމަޔަށް ހިނގާ ކޮންމެ އަހަރަކަށް (0.05 ޕަސަންޓް) ޖޫރިމާނާ ދައްކަން ޖެހޭނެއެވެ.