ޚަބަރު

ޑރ. ވަހީދު ޖޭޕީއާ ގުޅިވަޑައިގެންފި

އަލީ ޔާމިން

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގެންފިއެވެ.

ޑރ. ވަހީދު ޖޭޕީއާ ގުޅިވަޑައިގަތީ މާމިގިލީގައި މިހާރު ކުރިއަށްގެންދާ އެ ޕާޓީގެ ޖަލްސާގައެވެ. ޑރ. ވަހީދާއެކު އެ މަނިކުފާނުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދުވެސް ވަނީ ޖޭޕީއާ ގުޅިވަޑައިގެންފައެވެ.

ޑރ. ވަހީދު އެންމެ ފަހުން ހުންނެވީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީންގެ އެެޑްވައިޒަރެއްގެ ގޮތުގައެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީން ވަނީ އިސްތިއުފާ ދެއްވައިފިއެވެ.

ޕީޕީއެމުން ވަކިވެވަޑައިގެންފައިވާކަން ހާމަކުރައްވައި ޑރ. ވަހީދު އާންމު ކުރެއްވި ސިޓީގައި ވިދާޅުވެފައި ވަނީ މީގެ 10 އަހަރުގެ ކުރިން ޕީޕީއެމްއާ އެ މަނިކުފާނު ގުޅިވަޑައިގަތީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް, ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ކަމަށެވެ.

އޭގެ ތެރެއިން ގިނަ ކަންކަން ޕްލޭނާ އެއްގޮތަށް ހާސިލުވި އިރު, ރާއްޖޭގެ އިގުތިސާދާއި ޑިމޮކްރަސީ ހަރަދަނާކޮށް ރައްޔިތުންގެ ފާގަތިކަން އިތުރު ކުރަން އިތުރު މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުރި ކަމަށް ވިދާޅުވެފައިވެއެވެ.