ސަރުކާރުގެ އިވެންޓަކަށް ގައުމީ ފުޓުބޯޅަ ދަނޑު ބޭނުންކުރަން ޖެހުމުން، މި ހަފުތާގައި ކުޅެން އޮތް އެމްޑަބްލިޔު އެސްސީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކޮށްފިއެވެ.
މި ހަފުތާގައި ލީގު މެޗުތައް ތާވަލު ކޮށްފައި އޮތީ މާދަމާ ހަވީރާއި މާދަމާ ރޭގައި ނަމަވެސް، އެފްއޭއެމްއިން މިއަދު ބުނެފައި ވަނީ އެ މެޗުތައް މިމަހުގެ 16 އަދި 17 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. މެޗުތައް ފަސްކުރީ ސަރުކާރުގެ އިވެންޓަކަށް ޔޫތު މިނިސްޓްރީން އެދިގެން ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ. އެ އިވެންޓްތްގެ ތަފްސީލެއް އެފްއޭއެމްއިން ދީފައެއް ނުވެއެވެ.
ލީގުގައި މި ހަފުތާގައި ފުރަތަމަ ކުޅެން އޮތް މެޗަކީ މަދަމާ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަކުރަން އޮތް މެޗެވެ. އެ މެޗު މިހާރު ފަސްކޮށްފައި ވަނީ 16 ވަނަ ދުވަހުގެ ހަވީރަށެވެ. ކުރިން ތާވަލު ކޮށްފައި އޮތް ގޮތުން، މާދަމާއާއި މާދަމާ އަނެއް ދުވަހު މެޗުތަކަށްފަހު ދެން ލީގު މެޗުތައް އޮތީ އަންނަ ހަފުތާގައެވެ. އެއީ 18 އަދި 19 ވަނަ ދުވަހުއެވެ. މިހާރު މި ހަފުތާ މެޗުތައް ފަސްކުރުމުން އެ މެޗުތައް ވަނީ މިމަހުގެ 23 އަދި 24 އަށް ފަސްކޮށްފައެވެ.
މިފަހަރުގެ ލީގަށް މިހާތަނަށް ގިނަ މެދުކެނޑުތަކެއް އައިސްފައިވެއެވެ. ފުރަތަމަ ސީޒަން ފަށައިގެން ކޮންމެ ކްލަބަކުން ތިން މެޗު ކުޅުނުތަނާ، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ލީގު ވަނީ މެދުކަނޑާލަން ޖެހިފައެވެ. އަދި ސާފް ޗެމްޕިއަންޝިޕް ފެށުމަށްފަހު ޖުލައި 26ގެ ކުޅިވަރުތަކަށް ދަނޑު ބޭނުންކުރުމަށްވެސް ލީގު މެދުކަނޑާލަން ޖެހިފައިވެއެވެ.
ބްރޭކްތަކާއެކު ލީގު ކުރިއަށްދާ އިރު، މާލޭގައި ފެތުރެމުންދާ ރޯގާގެ ސަބަބުން ބައެއް ޓީމުތަކުން ވަނީ ލީގު މެޗުތައް ދޫކޮށްވެސްލައިފައެވެ. އެހެންކަމުން ބައެއް މެޗުތައް ނުކުޅެ، ޓީމުތަކަށް މެޗުތައް ލިބިފައިވެސް ވެއެވެ. މިއަހަރުގެ ލީގު ފެށުމުގައިވެސް ލަސްތަކެއް ކުރިމަތިވެފައިވާ އިރު، ކްލަބުތަކުގެ ފައިސާގެ ހާލަތު އަދިވެސް އޮތީ ދަތި ކޮށެވެ. އަދި ބެލެވޭ ގޮތުގައި ދަނޑުގެ މަރާމާތަށް ހުޅުމާލެއަށް މެޗުތައް ބަދަލުކުރުންވެސް އެކަށީގެންވެއެވެ. އެއީ ކޮން މުއްދަތެއްގައި ފެށޭނެ މަރާމާތެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު