އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ މެންޗެސްޓާ ސިޓީން ބާންލީ ބަލިކޮށްފިއެވެ.
މެދުކެނޑުމަކަށްފަހު ޕްރިމިއާ ލީގަށް އައި ބާންލީގެ ޓާފް މޫރް ދަނޑުގައި ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ކުރީގެ ސިޓީ ކެޕްޓަން ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި މި ސީޒަނަށް ނުކުތް ބާންލީ ކޮޅަށް ރޭގެ މެޗުގައި އާލިން ހާލަންޑް ވަނީ ދެ ގޯލު ޖަހައިފައެވެ.
ސިޓީން މިދިޔަ ސީޒަނުގައި ތިން ތަށި ހޯދާފައިވެއެވެ. އެއީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕެވެ. އެ ތާރީހީ ކާމިޔާބީއާއެކު މި ސީޒަނަށް ސިޓީ ނުކުތް އިރު، އެޓީމުގެ އެންމެ ބޮޑު ހަތިޔާރަކީވެސް ހާލަންޑެވެ. ހާލަންޑް މިދިޔަ ސީޒަނުގައި ސިޓީއަށް 52 ގޯލު ޖަހައިދީފައިވެއެވެ. ރަން ބޫޓާއެކު ސީޒަން ނިންމާލި ހާލަންޑް ކޮމިއުނިޓީ ޝީލްޑް މެޗުގައި މާ ބޮޑު ތަފާތެއް ނުދެއްކި ނަމަވެސް، ރޭގެ މެޗުގެ 185 ވަނަ ސިކުންތުގައި ސިޓީއަށް ގޯލު ހުޅުވާލަ ދިނެވެ.
ކެވިން ޑި ބްރޭނާގެ ހުރަސް، ރޮޑްރީ އޭރިއާ ތެރެއިން ބޮލުން ޖައްސާލުމުން ލިބުނު ބޯޅައިގައި ހާލަންޑް ގޯލު ހުޅުވާލި އިރު، ހާފު ނިމުމުގެ ކުރިން މެޗުގެ 36 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ގޯލެއް ފެނުނެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައިގައި ޑިފެންޑަރު ނައްޓާލައި، ހާލަންޑް މަތީ ކަނަށް އަމާޒުކޮށްލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ. ބާންލީގެ ގޯލްކީޕަރު ޖޭމްސް ޓްރެފޯޑަށް އެ ހަމަލާ ހުއްޓުވުމަށް ކުރެވުނު މާ ބޮޑު މަސައްކަތެއް ނެތެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސިޓީއަށް ކުރިމަތިވި ހަމައެކަނި މާޔޫސް ކަމަކީ، 23 ވަނަ މިނެޓުގައި ޑި ބްރޭނާއަށް އަނިޔާވެ ބާލަން ޖެހުމެވެ، ޑި ބްރޭނާގެ ބަދަލުގައި ރޭގެ މެޗަށް ކުޅެން ނުކުތީ ޗެލްސީން ގެންދިޔަ ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗެވެ. ރޭގެ މެޗުގައި ސިޓީއާ އަލަށް ގުޅުނު ޑިފެންޑަރު، ކްރޮއޭޝިއާ ޖޮސްކޯ ގްވާޑިއޯލްވެސް ފެނިގެން ގޮސްފައިވެއެވެ.
ސިޓީން ދެވަނަ ހާފުގައިވެސް ރަނގަޅަށް މެޗު ކޮންޓްރޯލްކޮށް ކުޅެފައިވާ އިރު، 75 ވަނަ މިނެޓުގައި ރޮޑްރީ ޖެހި ގޯލާއެކު ތިން ޕޮއިންޓް ޔަގީންވެސް ކުރިއެވެ. ރޭގެ މެޗުގެ ފަހު ވަގުތުގައި ބާންލީގެ އަނަސް ޒަރޫރީ، ސިޓީގެ ކައިލް ވޯކާއަށް ކުރި ނުރައްކާތެރި ފައުލްގެ ސަބަބުން ރެފްރީ ވަނީ ރަތް ކާޑު ދައްކައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު