އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓް, ޑރ. މުހައްމަދު މުއިއްޒާއި އޭނާގެ ރަނިންމޭޓް, ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން މުހައްމަދު ލަތީފުގެ ކެމްޕެއިން ދަތުރުތައް ފައްޓަވައިފިއެވެ.

ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނާ އެކު މުއިއްޒުގެ ކެމްޕެއިން ދަތުރުތައް މިއަދު ފެއްޓެވީ ރާއްޖޭގެ އުތުރުންނެވެ. އެގޮތުން ތިން ދުވަހަށް ކުރައްވާ އެ ދަތުރުގައި ހއ. އަދި ހދ. އަތޮޅުގެ 11 ރަށަކަށް ވަޑައިގަންނަވާނެ ކަމަށް މުއިއްޒުގެ ކެމްޕޭން ޓީމުން މައުލޫމާތުދެއެވެ.

މުއިއްޒުގެ މި ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ހަނިމާދޫއަށެވެ. އެއަށްފަހު ނޮޅިވަރަމް އަދި ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު, ކުޅުދުއްފުށީގައި މިރޭ ކެމްޕޭން ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފައެވެ.

މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި މާލޭގައި، ދުވަހު ދޮރުން ދޮރަށް ހަރަކާތްވެސް ފައްޓަވައިފައެވެ. އެންމެ ފުރަތަމަ އޭނާ އެ ހަރަކާތް ހިންގަވާފައިވަނީ ހިޔާ ފްލެޓުގައެވެ.