(4 އޯގަސްޓުގެ އަދަދާ ގުޅޭ)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ ލޯފުޅުގެ ނޫރުކަމުގައި ހިމެނިވަޑައިގަންނަވާ ލޮބުވެތި ދަރިކަނބަލުން فــاطــمــــة الـــــزّهـــــــراء އާ ކާވެނިކޮށްދެއްވީ އެކަލޭގެފާނުގެ ލޮބުވެތި ބޮޑުބޭބޭފުޅުގެ ދަރިކަލުން أســــد اللّـــه عـلـــى مـــرتـضـــى އާއެވެ. عـلـــى رضــى اللّـــه عـــنــــه އަކީ ޢުމުރުފުޅުން ދިހަވަރަކަށް އަހަރުއްސުރެ އިތުރު ސާހިބާގެ ބެލެނިވެރިކަމުގައި އެމާތް ސާހިބާގެ އަރިހުގައި ހުންނެވި ބޭކަލެކެވެ. އިތުރު ސާހިބާ عـلـــى ގެފާނާއި فــاطــمــــة ގެފާނާ ކާވެނިކޮށްދެއްވާން ހަމަޖެއްސެވުމަށްފަހު عـلـــى ގެފާނާ ސުވާލުކުރެއްވިއެވެ. "ކަލޭގެފާނުގެ އަތްޕުޅުގައި އޮތީ ކޮންއެއްޗެއްތޯއެވެ؟" عـلـــى ގެފާނު ވިދާޅުވިއެވެ. "ދަހަނާއެއް އެބައޮތެވެ." ޙަދީޘުކުރެއްވިއެވެ. "އެ ދަހަނާ ވިއްކަވައިލައްވާށެވެ." އެ ބަރަކާތްތެރި ކާވެނިފުޅުގެ ހުރިހައި ޚަރަދުބަރަދަކާއި ކާވެނިފުޅުގެ ފަހުން ދިރިއުޅުއްވާން ބޭނުންފުޅުވާނެ ބައެއް ތަކެތި ހޯއްދެވީ عـلـــى رضــى اللّـــه عـــنــــه ގެ ދަހަނާކޮޅު ވިއްކައިލައްވައިގެން ލިބިވަޑައިގެންނެވި ފައިސާއިންނެވެ.

(السّــيّــدة فــاطــمــــة الـــــزّهـــــــراء އާއި عـلـــى مـــرتـضـــى كــــــرّم اللّـــه وجـهــــه އާ ދެކަނބަލުންނަކީ ކުރީންވެސް ދެންނެވި ފަދައިން އެދެކަނބަލުންގެ ކާވެނިފުޅުގެ ކުރީން އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ބެއްލެވުމުގެ ދަށުގައި އިތުރު ސާހިބާގެ ގެކޮޅުގައި ތިއްބެވި ދެބޭފުޅުންނެވެ. އިތުރު ސާހިބާ އެ ދެކަނބަލުންގެ ޚަރަދުބަރަދު ބަލަހައްޓަވައިގެން ގެންގުޅުއްވި ދެބޭފުޅުންނެވެ. އެހެންކަމުން އެ ދެކަނބަލުންގެ ކާވެނިފުޅަށްފަހު ވަކި ގެކޮޅެއްގައި އުޅުއްވާންވުމުން އިތުރު ސާހިބާ އެ ދެކަނބަލުންނަށް ބައެއް އެއްޗެހިކޮޅު ހޯއްދަވައިދެއްވުމަކީ މިޒަމާނުގައި ދީމިއުޅޭގޮތަށް ޖަހީޒު ދެއްވުން ކަމުގައެއް ނުބެލެވޭނެއެވެ. ޚުދު އަޅުގަނޑުވެސް ކުރީގެ ފޮތެއްގައި ޢާންމު ލިޔުންތަކާ އެއްގޮތަށް ޖަހީޒުގެ ލަފުޒު ބޭނުންކޮށްފައިވިޔަސްވެހެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެ ދެކަނބަލުންނަށް ހޯއްދަވައިދެއްވީކީ މާކަގިނަ ތަކެއްޗެއްވެސް ނޫނެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެ ދެކަނބަލުންނަށް ދެއްވި ފެހާމާނާއި ގެވެހިކަންވާރާ ބެހޭގޮތުން އައިސްފައިވާ ހުރިހައި ރިވާޔަތްތައް އެއްކޮށްލާއިރު އެތަކެއްޗަކީ:

1. އެއް ސާލުކޮޅު ނުވަތަ ދެ ސާލުކޮޅު

2. އެއް އުޑިކޮޅު ނުވަތަ ދެ އުޑިކޮޅު (ފުށްމުގުރާން ބޭނުންކުރާ)

3. ހަމުންފަހައި ކަދުރު ރުކުގެ ފަންވަތް އެތެރެޔަށް ލައްވައިފައިވާ ބާލީސްކޮޅެއް

4. މުށީން ހަދައިފައިވާ ދެ ކޫޒުކޮޅު (ފެންއަޅާ ކަންވާރެއް)

5. ދެ ޖޯޑުކޮޅު ނުވަތަ އެއް ޖޯޑުކޮޅު (ފެންބޯން ބޭނުންކުރާ)

6. ފެންއަޅަން ބޭނުންކުރާ ހަމެއް (ހަންފުޅެއް)

7. އެނދުގެ ގޮތުގައި ބޭނުންކުރާ ފިލައެއް (ފިލާކޮޅެއް)

8. ދެ ބާޒޫބަންދު (މުލައްދަނޑީގައި އަޅާ ގަހަނާއެއް)

9. މިސުރުފޮތީގެ ތަންމަތިކޮޅެއް (އެތެރެޔަށް ކަފަލައްވައިފައިވާ ތުނި ގޮދަޑިކޮޅެއް)

10. މުސައްލަކޮޅެއް

ހުރިހައި ރިވާޔަތްތަކެއް އެއްކޮށްލުމުންވެސް އެތަކެތީގެ ޖުމުލަ ޢަދަދަކީ މިއީއެވެ.)

السّــيّــدة فــاطــمــــة الـــــزّهـــــــراء رضـــى الـلّــه عــنـــهـــا ގެ އިތުރަށްވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ތިން ދަރިކަނބަލުން ތިއްބެވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެބޭފުޅުންގެ ކާވެނިފުޅުވެސް ކޮށްދެއްވިއެވެ. އެކަމަކު ކާވެނިފުޅުގެ މުނާސަބާގައި އެއިން އެއްވެސް ބޭފުޅަކަށް އެއްވެސް އެއްޗެއް ދެއްވިކަމަކަށް އެއްވެސް ރިވާޔަތެއްގައި އައިސްފައެއް ނުވެއެވެ.

ނަބަވީ ދައުރުގައި ކާވެނީގެ ކަންތައްތައް ފަސޭހަކޮށްދެއްވި ދެއްވުމާބެހޭ ވާޤިޢާތަކުގެ ވާހަކަ ޙަދީޘާއި ސީރަތުގެ ފޮތްތަކުގައި ޙައިރާންވާހައި ގިނައިން އައިސްފައިވެއެވެ. އޭގެތެރެއިން އެއް ޙާދިޘާއެއްގެ ވާހަކަ ދަންނަވައިލާނަމެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްދުވަހަކު އެމާތް ސާހިބާގެ މަޖިލީހެއްގައި އިންނަވަނިކޮށް ޒުވާން އަންހެންކުއްޖެއް ހާޒިރުވެއްޖެއެވެ. އޭނާ މީހަކާ ކާވެނިކޮށްދެއްވުންއެދި ދަންނަވައިފިއެވެ. އެ މަޖިލީހުގައި އިންނެވި ޒުވާން ޞަޙާބީއެއް އެކަމާ ތައްޔާރަށް ހުންނެވިކަން ފާޅުކުރައްވައިފިއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެ ޒުވާން ޞަޙާބީއާ ސުވާލުކުރެއްވިއެވެ. "ތިބާގެ އަތުގައިހުރީ ކޮންއެއްޗެއް ހެއްޔެވެ؟" ޞަޙާބީ ޖަވާބު ދެއްވިއެވެ. "އަޅުގަނޑުގެ އަތުގައި އެކައްޗެއްވެސް ނެތެވެ." އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. "ތިބާގެ އަތުގައި ދަގަނޑު އަނގޮޓިޔެއްހައި މިންވަރުވެސް ނެތީހެއްޔެވެ؟" ޞަޙާބީ އާދޭހޭ ދެންނެވުމުން ޙަދީޘުކުރެއްވިއެވެ. "ތިބާ ޤުރްއާނުގެ އެއްވެސް މިންވަރެއް ދަސްއެބަހުރިހެއްޔެވެ؟" ޞަޙާބީ ޖަވާބު ދެއްވިއެވެ. "އާދޭހެވެ. އަޅުގަނޑު ކީރިތި ޤުރްއާނުގެ އެވެނި މިވެނި ސޫރަތް ދަހެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމުގެ މައްޗަށް އެ ދެ ޒުވާނުންގެ ކާވެނިކޮށްދެއްވިއެވެ. (ބުޚާރީ، މުސްލިމް)

އިސްލާމްދީން ފިރިހެނުންނަށްވަނީ އެއްފަހަރާ އެއް އަނތްބަށްވުރެ ގިނަ އަނބީންނާ (ހަތަރު އަނބީންނާ) ކާވެނިކުރުމުގެ ހުއްދަ ދީފައެވެ. ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ.

"ޔަތީމުންނާމެދު ޢަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ޔަތީމު އަންހެންކުދީންނާ ކާވެނިކުރުމުގައި ޢަދުލުވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރު މީހުނާއެވެ. ފަހެ، ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ އެކަކާއެވެ." (الـنّسـاء: 3)

އިސްލާމްދީނުގެ މި މަތިވެރި ތަޢުލީމުވެސްވަނީ އިޢުތިރާޟުކުރުމުގެ އަމާޒުފަތްގަނޑަކަށް ހަދައިލެވިފައެވެ. ވިސްނައިވަޑައިގަންނަވާށެވެ. ކޮންމެ ފިރިހެނަކު އެކަކަށްވުރެ ގިނަމީހުނާ ކާވެނިކުރުން ލާޒިމުކަމަކަށެއް އިސްލާމްދީން ކަނޑައެއް ނާޅައެވެ. އަމުރެއް ނުކުރެއެވެ. މިއީ ހަމައެކަނި ދެއްވައިފައިވާ ހުއްދައެކެވެ. މި ޙުކުމް ބާވައިލެއްވީ ކުއްލި ޙާލަތުގެ ދުވަސްވަރެއްގައެވެ. އެދުވަސްވަރު މުސްލިމުންނާއި މުޝްރިކުންނާ ދެމެދު ހަނގުރާމަތައް ހިނގަމުންދިޔައެވެ. ނަތީޖާއެއްގެގޮތުން ފިރިހެނުން ޤަތުލުވަމުން ދިޔައެވެ. އެބައިމީހުންގެ އަނބީން ހުވަފަތްވަމުން ދިޔައެވެ. އެހެންކަމުން ދުނިޔޭގެ ބޮޑު ހަނގުރާމަތަކުގެ ދުވަސްވަރު ޔޫރަޕުގެ އަންހެނުންނަށް ކުރިމަތިވި ނާޒުކު ޙާލަތާ މުސްލިމު އަންހެނުންނާ ކުރިމަތިލާކަށެއް އިސްލާމްދީން އެކަނބަލުން ދޫކޮށެއް ނުލިއެވެ. ޔޫރަޕުގެ އަންހެނުން "އިވްނިންގ ގެސްޓުން" ހޯދަން އިޢުލާނުކުރި ފަދައިން މުސްލިމު އަންހެނުންވެސް އިޢުލާންކުރުމުގެ ބަދަލުގައި އެކަނބަލުންނަށް ކާވެނީގެ ރައްކައުތެރިކަން ހޯދައި ކާވެނި ކުރެވޭނެގޮތް ހަމަޖައްސައިދިނެވެ. ފިރިޔެއްގެ ޙިމާޔަތް ލިބޭނެގޮތް ހޯދައިދިނެވެ. ހަނގުރާމަތަކުގެ ދައުރަށްފަހުވެސް އިސްލާމްދީން މި ޙުކުމް ވަނީ ދަމަހައްޓައިފައެވެ. ޙާލަތު ނިޔާކުރާގޮތަކުން ފިރިހެނަކަށް ދެވަނަ ތިންވަނަ އަދި ކީއްތޯއެވެ؟ ހަތަރުވަނަ އަނތްބަކާ ކާވެނިކުރާންވެސް ޖެހިދާނެތީއެވެ. މިސާލެއްގެގޮތުން އަނބިމީހާއަށް ޖިންސީގުޅުން ހިންގަން ނުކުޅެދޭފަދަ ބައްޔެއް ޖެހުމެވެ. މިފަދަ ޙާލަތެއްގައި ރަނގަޅުގޮތަކީ ފިރިހެނާ ދެވަނަ އަނތްބަކު ހޯދަން ކުރީގެ އަނބިމީހާ ވަރިކޮށްލުންތޯއެވެ. ޝައްކެއްނެތްގޮތުގައި އެއީ ރަނގަޅު ގޮތެއްނޫނެވެ.

ބައެއް މުޖުތަމަޢުތަކުން ވަނީ ފިރިހެނުން އެންމެ މީހަކާ ކާވެނިކުރުން މަޖުބޫރުކޮށްފައެވެ. އެކަމަކު ނުހަނު ފާޅުކަން ބޮޑުގޮތެއްގައިވަނީ ބޭނުން ޢަދަދެއްގެ އަންހެނުން ވަގުއަނބީންގެ ގޮތުގައި ގެންގުޅުން ހުއްދަކޮށްފައެވެ. އެކަމަކު އިސްލާމްދީން އެ ފާފަވެރި ޢަމަލުގެ ހުއްދައެއް ނުދެއެވެ. އެދީނުގެ އިރުޝާދަކީ ޙާލަތު ލާޒިމުކޮށްފި ހިނދެއްގައި ހަތަރަކާ ހަމަޔަށް މީހުނާ ކާވެނިކުރެވިދާނެކަމެވެ. އެކަމަކު އެފަދަ ޙާލަތުގައި ފިރިހެނުންގެ މައްޗަށް ލާޒިމުކޮށްފައިވަނީ ހުރިހައި އަނބީންނަށްވެސް ޤާނޫނީ ހުރިހައި ޙައްޤުތަކެއް ހަމަޔަށް ދިނުމެވެ. ހުރިހައި އަނބީންނާމެދު ހަމަހަމަޔަށް ބަރާބަރަށް މުޢާމަލާ ކުރުމަށެވެ. އެގޮތަށް އެކަން ނުކުރެވޭނެކަމުގައިވާނަމަ އެކަކާ ކާވެނިކުރުމެވެ.

މީހަކު ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނިޔާވުމުން އެހެން ކާވެންޏެއް ނުކޮށް ހުރުން ނުވަތަ ދެމަފިރިޔަކަށް އެކުގައި ނުއުޅެވި ވަރިވުމުން އެއިގެތެރެއިން އެކަކުވެސް އެހެން ކާވެންޏެއް ނުކޮށް މުޅި ޢުމުރު ހުސްހަށިބައިކަމުގައި ހޭދަކޮށްލުމަކީ އިސްލާމްދީން ތަރުޙީބުދޭ ކަމެއްނޫނެވެ. މުޖުތަމަޢުގެ އެއްވެސް ފިރިހެނަކު އަނތްބަކުނެތި ހުރުމަކީ އިސްލާމްދީން ރުހޭކަމެއް ނޫނެވެ. ހަމައެފަދައިން އެއްވެސް އަންހެނަކު ފިރިޔެއްގެ ޙިމާޔަތާއި ރައްކައުތެރިކަމުން މަޙްރޫމުވެފައި ހުރުމަކީވެސް އިސްލާމްދީން ތަރުޙީބުދޭ ކަމެއްނޫނެވެ. އިސްލާމީ ތާރީޚުގެ އެންމެކުރީގެ ސައްތަތަކުގެ ތާރީޚުން މިކަމުގެ ރަން ނަމޫނާތައް ފެންނާން އެބަހުއްޓެވެ.

މަޝްހޫރު ޞަޙާބިއްޔާއެއްކަމުގައިވާ السّــيّــدة عـاتـكــة بـنـت زيــــد رضـــى الـلّــه عــنـــهـــا އަކީ މިފަދަ ރީތި އެއް މިސާލެކެވެ. އެކަމަނާ އެންމެފުރަތަމަ ކާވެނިބެއްލެވީ أبــوبـكــر الصّـدّيـــق رضــى اللّـــه عــنــــه ގެ ދަރިކަލުން عــبــد اللّـــه بـــن أبـــى بــكــر رضــى اللّـــه عــنـــه އާއެވެ. އެކަލޭގެފާނު ޝަހީދުވުމުން ދެން ކާވެނިބެއްލެވީ زيــــد بـــن الخـطّــاب رضــى اللّـــه عــنـــه އާއެވެ. އެކަލޭގެފާނު ޝަހީދުވުމުން ދެން ކާވެނިބެއްލެވީ عــمـــــر بـــن الخـطّــاب رضـــى اللّـــه عـــنــــه އާއެވެ. عــمـــــر ގެފާނު ޝަހީދުވުމުން ދެން ވެވަޑައިގެންނެވީ إمـــام حسـن بـــن عــلــــى رضـــى اللّـــه عــنـــه ގެ އަނބިކަނބަލަކަށެވެ. އެކަލޭގެފާނުވެސް ވަނީ ޒަހަރުގެ ސަބަބުން އަވަހާރަވެފައެވެ. ނަތީޖާއެއްގެގޮތުން السّــيّــدة عـاتـكــة ވަނީ زوجــــة الشّـهــداء (ޝަހީދުންގެ އަނބިކަނބަލުން) ގެ ނަންފުޅުން މަޝްހޫރުވެފައެވެ. (އިބްނުލްއަޘީރު، އުސުދުލްޣާބާ: 7/199-200)

السّــيّــدة أسمــاء بـنـت عـمـيس رضـــى الـلّــه عــنـــهـــا ގެ އެންމެފުރަތަމަ ކާވެނިފުޅު ކުރެވުނީ جـعــفـــــر بـــن أبـــى طـالـب رضــى اللّـــه عــنــــه އާއެވެ. جـعــفـــــر ގެފާނު ޝަހީދުވުމުން أسمــاء އާ ކާވެނިބެއްލެވީ أبــوبـكــر الصّـدّيـــق رضــى اللّـــه عــنــــه އެވެ. أبــوبـكــر ގެފާނު އަވަހާރަވުމުން ދެން އެކަމަނާއާ ކާވެނިބެއްލެވީ عــلــــى بـــن أبـــى طـالـب رضـــى اللّـــه عــنـــه އެވެ. (އުސުދުލްޣާބާ: 7/17)

السّــيّــدة فــاطــمــــة بـنـت قـيـس رضـــى الـلّــه عــنـــهـــا އަކީވެސް މަޝްހޫރު ޞަޙާބިއްޔާއެކެވެ. އެކަމަނާގެ ފިރިކަލުން އެކަމަނާ ވަރިކުރެއްވިއެވެ. އެކަމަނާގެ ޢިއްދަ ހަމަވުމުން އެކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގަންނަވާ ވަރަށްގިނަ ހުށަހެޅުއްވުންތަކެއް ލިބިވަޑައިގަންނަވަމުން ދިޔައެވެ. ހުށަހެޅުންތައް ގިނަކަމުން އެކަމަނާ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުން އެ ހުށަހެޅުއްވުންތަކާމެދު މަޝްވަރާއަށް އެދިވަޑައިގެންނެވިއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމަނާއަށް ރަނގަޅު ހުށަހެޅުއްވުމެއްގެ ލަފާ ދެއްވިއެވެ. (މުސްލިމު)

އިސްލާމްދީނުގެ އަސާސީ ޢަޤީދާތަކަކީ އިންސާނުންނަށް ފުރިހަމަ ތަރުބިޔަތެއް ލިބިދޭ ޢަޤީދާތަކެއްކަމީވެސް ޚާއްޞަ އަހަންމިއްޔަތެއް ދޭންޖެހޭ ކަމެކެވެ. އިސްލާމީ ޢަޤީދާތައްވަނީ ޙަޔާތުގެ ކޮންމެ ދާއިރާއެއްގައިވެސް އިންސާނާ މަގުއޮޅުމުން ސަލާމަތްކޮށްދީފައެވެ. އެ ޢަޤީދާތަކަށް އީމާންވުމުން އިންސާނާގެ ޙަޔާތުން ދަމިލަ ފިލުވައިދީ އުއްތައިދެއެވެ. އޮފުރީތިކޮށްދެއެވެ. މިދެންނެވި ޢަޤީދާތަކުގެ ތެރެއިންވެސް ދެ ޢަޤީދާއަކާ މި މައިގަނޑު ނަމާ ޚާއްޞަ ގުޅުމެއް ހުރެއެވެ.

ހ. މާތް اللّـــه ހުރިހައި ތަނެއްގައި ވޮޑިގެންވެއެވެ.

އިސްލާމްދީނުގެ ތަޞައްވުރުގައިވާގޮތުން އަރަހުށި މާތް اللّـــه سبحـــانــــه وتــعــــالــــى ހުރިހައި ތަނެއްގައި ވޮޑިގެންވެއެވެ. އެންމެހައި އިންސާނުންގެ މައްޗަށް ބައްލަވައި ވޮޑިގެންވެއެވެ. މީހަކު ފާޅުގައި ކަމެއްކުރިކަމުގައިވިޔަސް ސިއްރުން ކަމެއްކުރިކަމުގައިވިޔަސް އެކަލާނގެ ރަސްކަންފުޅަށް އެކަމެއް ވަންހަނާއެއް ނުވެއެވެ. ޖައްވުގެ ތެރޭގައި ނުވަތަ ކަނޑުގެ އަޑީގައި ނުވަތަ ބަންދު ކޮޓަރިޔެއްގެ ތެރޭގައި ކަމެއްކުރިކަމުގައިވިޔަސް އެކަލާނގެ ދެކެދެނެ ވޮޑިގެންވެއެވެ. މީހަކު ބާރަށް ވާހަކަ ދެއްކި ކަމުގައިވިޔަސް މަޑުމަޑުން ސިއްރު ސިއްރުން ވާހަކައެއް ދެއްކި ކަމުގައިވިޔަސް އެކަލާނގެ އައްސަވައި ވޮޑިގެންވެއެވެ. މީހަކު ނުބައިކަމެއް ކުރީ ބިންމަތީގައި ކަމަށްވިޔަސް ކަނޑުގެ އަޑީގައި ކަމަށްވިޔަސް އެކަލާނގެ ދެކެދެނެވޮޑިގެންވެއެވެ. މީހަކު ދުލުން އެންމެ ލަފުޒެއް ބޭރުކުރި ކަމުގައިވިޔަސް ކަމެއް ހިތަށް އަރުވައިލި ކަމުގައިވިޔަސް އެކަލާނގެ ރަސްކަންފުޅަކަށް އެކަން ސިއްރެއް ނުވެއެވެ. އެންމެ ކުޑަމިނުން ލޮލުން އިޝާރަތެއް ކޮށްލިކަމުގައިވިޔަސް އެކަލާނގެ ރަސްކަންފުޅަކަށް ވަންހަނާއެއް ނުވެއެވެ. ކާއިނާތުގައިވާ އެންމެ ކުޑަކުޑަ ޒައްރާތައްވެސްވަނީ އެކަލާނގެ ދެކެދެނެވޮޑިގަތުމުގެ ތެރޭގައެވެ. އެއްވެސް އެއްޗެއް ނުވަތަ އެއްވެސްކަމެއް އެކަލާނގެ ރަސްކަންފުޅަކަށް ވަންހަނާއެއް ނުވެއެވެ. ތިރީގައި މިވަނީ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން މި މައުޟޫޢާ ގުޅުންހުރި ބައެއް އާޔަތްތަކުގެ ތަރުޖަމާއެވެ.

(ނުނިމޭ)