ރިޔާސީ އިންތިހާބާ ގުޅިގެން ހިންގާ އިންތިހާބީ ރިޝްވަތުގެ މައްސަލަތައް ހުށެޅުމަށް ހާއްސަ ޕޯޓަލެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ގާއިމުކޮށްފިއެވެ.
އޭސީސީން އިއްޔެ ބުނީ، މި ޕޯޓަލް މެދުވެރިކޮށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 11 އަދި 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިހާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ ކޮންމެ މީހަކަށްވެސް އެ މައްސަލަ ހުށަހެޅޭނެ ކަމަށެވެ.
މި ޕޯޓަލަށް ވަނުމުން އިންތިހާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެ ގޮތުގެ މައުލޫމާތު ހިމަނައިގެން އޭސީސީން ތައްޔާރުކޮށްފައިވާ ލުއިފޮތްވެސް ބަލައިލެވޭނެއެވެ.
އޭސީސީން ބުނީ، މި ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ސިއްރުކޮށްދެވޭގޮތަށް އިންތިޒާމުކޮށްފައިވީނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭ ގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ވިސިލްބްލޯކުރާ ފަރާތްތަކަށް ކޮމިޝަނުން ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
- ފޯމުގައި ކޮންމެހެން ހިމަނަންޖެހޭ މައުލޫމާތުގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތައް ހިމެނުން، އެ ނޫން ފޯމުތައް ބަލައި ނުގަންނާނެ
- އޭސީސީގެ އިހްތިސޯސަށް ނުފެތޭ ބާވަތުގެ މައްސަލަތައް ހުށަނޭޅުން، އެ ފަދަ މައްސަލަތައް ރަޖިސްޓަރީ ނުކުރާނެ
ޕޯޓަލްއަށް ވަނުމަށް: https://elections.acc.gov.mv/
ޚަބަރު
ޚަބަރު