ރިޔާސީ އިންތިހާބު 2018އާ ކުރިމަތިލީ އިރު، ޖަލުގައި ތިއްބެވި ކެންޑިޑޭޓުން މިފަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުންގެ ގޮތުގައި އެ ނުކުންނަވަނީ މިނިވަންކަމާއެކު ކަމަށާއި މި ސަރުކާރުގެ ކެންޑިޑޭޓުންނަކީ އެއީ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގއ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވިލިނގިއްޔަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި، ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ކެންޑިޑޭޓުންގެ ގޮތުގައި ނުކުންނަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭރު އެތައް ސިޔާސީ ލީޑަރުންނަކާއި އެތައް މެންބަރުންނެއް ތިއްބެވީ ޖަލުގައި ކަމަށެވެ. އޭރު އެތައް އުނދަގޫތަކެއް ކުރިމަތިވި ކަމުގައިވިޔަސް، މިއަހަރުގެ ރިޔާސީ އިންތިހާބަށް އަށް ކެންޑިޑޭޓަކު ކުރިމަތިލައްވައިފި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަހަރުގެ ރިޔާސީ އިންތިހާބަށް އަށް ކެންޑިޑޭޓަކު ކުރިމަތިލައްވައިފި. އޭގެ ތެރެއިން ހަތަރު ބޭފުޅަކާއެކު އަޅުގަނޑުވެސް ހިމެނޭގޮތަށް އެއް ގަޑިއެއްގައި ޖަލުގައި ތިބެން ޖެހުނު. މިއަދު އަޅުގަނޑުމެން ހަތަރު މީހުން ކުރިމަތިމިލަނީ މިނިވަންކަމާއެކު. ތަފާތަކީ މިއީ. އެ ދުވަހު ކާނަލް ނާޒިމް އިންނެވީ ހުކުމެއްގައި ޖަލުގައި، ފާރިސް އާއި އަޅުގަނޑާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޕޮލިސް ކޮމިޝަނަރާއި މެންބަރު އިލްހާމާއި އަބްދުﷲ ރިޔާޒާއި ސިޔާދު ގާސިމާ، މިހެން ގޮސް ބޮޑު ލިސްޓެއް ބަރިއަކަށް އަޅުގަނޑުމެން ކުޑަގޮޅިތަކުގައި ތިބީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ދުވަހު އެ ހާލަތާ ކުރިމަތިލާން ޖެހުނު ނަމަވެސް، އޭގެ ފަސް އަހަރު ފަހުން އިންތިހާބަށް ކުރިމަތިލާ އިރުގައި، އެއިން އެއްވެސް ބޭފުޅަކު އެއްވެސް ތަނެއްގައި ބަންދެއްގައި ނެތް ކަމަށާއި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އޭގެ ކުރިން ވެރިކަންކުރައްވާފައި، ދުނިޔޭގައި ހުންނެވި ބޭފުޅެއް ވިއްޔާ ވެސް އޭރު ހުންނެވީ ޖަލުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް މައުމޫން ވެސް އިންނެވީ ޖަލުގައި، ރައީސް ނަޝީދު ވެސް ހުންނެވީ ހުކުމެއްގައި ރާއްޖެ ނާދެވިފައި. އޮނަރަބަލް ގާސިމް އިބްރާހީމް ވެސް އޭރު ހުންނެވީ ހުކުމެއްގައި ބަންދުގައި. މިއަދު މި ދެންނެވިހެން އަޅުގަނޑުމެން ހަތަރު މީހުން މިނިވަންކަމާއެކު ވާދަކުރަން ނުކުމެ މިތިބީ. އަސާސީ ހައްގުތަކާއި މިނިވަންކަން މިއަދު މިއޮތީ ހުޅުވާލެވިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޖަޒީރާ މެނިފެސްޓޯއަކާއެކު އޭރު ނުކުންނަން ޖެހުނީ އެ ހާލުގައި، އެ އުނދަގުލާއި ދަތިކަމާއެކު ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެބޭފުޅުން މިނިވަންކޮށްދެއްވާފައިވާނެ ކަމަށެވެ.