ބޭރު ކުޅިވަރު

ކަކުލުގެ އަނިޔާއަކާއެކު ކޯޓުއާއަށް ކުރިއަށް އޮތް ސީޒަން އެއްކޮށް ގެއްލޭނެކަމުގެ ބިރު!

ރެއާލް މެޑްރިޑްގެ ބެލްޖިއަމް ގޯލްކީޕަރު ތީބޯ ކޯޓުއާގެ ކަކުލުގެ އޭސީއެލްއަށް ދިމާވި އަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ޖެހި، ކުރިއަށް އޮތް ސީޒަން އެއްކޮށް ގެއްލިދާނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.

ރެއާލުން ބުނެފައި ވަނީ އުމުރުން 31 އަހަރުގެ ކޯޓުއާގެ ވާތު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ސާޖަރީއަކަށް ދާން ޖެހިފައިވާ ކަމަށެވެ. ސާޖަރީއާ އެކު ކުރިއަށް އޮތް ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ކޯޓުއާއަށް ގެއްލޭނެ ކަމަށް ބެލެވިފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ. އެހެންކަމުން ރެއާލްއިން މިހާރުވެސް ގޯލްކީޕަރެއް ހޯދަން ކްލަބުތަކާ މަޝްވަރާތައް ކުރަން ތައްޔާރުވަމުންދާ ކަމަށްވެސް އިތުބާރު ނޫސްތަކުން ދަނީ ބުނަމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ކޯޓުއާ ސާޖަރީއަށްފަހު އެންމެ އަވަހަށްވެސް އެނބުރި އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އޭޕްރީލް މަހުގައެވެ.

ކޯޓުއާ ރެއާލްއާ ގުޅިފައި ވަނީ 2018 ވަނަ އަހަރު ޗެލްސީންނެވެ. އޭގެ ފަހުން ރެއާލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކަށް ކޯޓުއާ ވެފައިވާ އިރު، އޭނާ ވަނީ އެ ކްލަބުގެ ޖާޒީގައި 230 މެޗު ކުޅެފައެވެ. ރެއާލްއާ އެކު ކޯޓުއާ ވަނީ ދެ ފަހަރަށް ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. ރެއާލްއިން އެންމެފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، އެޓީމަށް އެންމެ މުހިއްމު ކުޅުމެއް ދެއްކީވެސް ކޯޓުއާއެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ގޯލްކީޕަރު ކޯޓުއާއަށް އަނިޔާވުމާ އެކު ރެއާލްގައި މިވަގުތު ހުރި ސީނިއާ ހަމައެކަނި ގޯލްކީޕަރަކީ އުމުރުން 24 އަހަރުގެ ޔޫކްރެއިން ގޯލްކީޕަރު އަންދްރީ ލުނިންއެވެ. ސީޒަން ފެށެން ދެ ދުވަހަށްވެފައިވާ އިރު، ރެއާލްއަށް ކީޕަރެއް ހޯދުމަށް ބުރަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައެވެ.