އެމަނިކުފާނަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވާތީ ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ހައި ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އަދި އެމަނިކުފާނު ވަނީ އެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ. މިއަދުގެ އަޑުއެހުމުގައި ކުރިއަށްދަނީ އެ ހުށަހެޅުމާ ގުޅޭގޮތުން ވާހަކަދެއްކުމެވެ.
މިއަދުގެ ޝަރީއަތުގައި ފުރުސަތަކަށް އެދިވަޑައިގެން ޔާމީން ވިދާޅުވީ ފަނޑިޔާރުންނަށް ދަންނަވާލަން ބޭނުންވަނީ އެމަނިކުފާނުގެ މިއަދުގެ ހާލަތު ކަމަށެވެ. އެގޮތުން މިއަދު އެމަނިކުފާނަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމަށެވެ.
"ޒުވާން އުމުރަކު ނޫން މި ހުރީކީ. އަދި އެހެންމެ އަޅުގަނޑަށް ޑޮކްޓަރު ރެކޮމެންޑް ކޮށްފައި ހުރި ކަސްރަތުތައް ކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ މާފުށީގައި ބަންދުވެފައި. އަޅުގަނޑަށް ރެކޮމެންޑް ކޮށްފައި މި އޮންނަނީ އަޅުގަނޑުގެ އުނަގަނޑު އުނދަގުލާ ގުޅިގެން މޫދަށް ދިއުން. އެހެން ނަމަވެސް މާފުށި ހިއްކާތީއާ އެކީގައި އަޅުގަނޑަށް މިވަނީ އެކަން މަނާ ކުރެވިފައި. އަޅުގަނޑަށް އެކަމެއް ނުލިބޭ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވަނީ އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓްނުވެ ހުންނެވީ އާއިލާއިން ތަހަންމަލު ކުރަމުންދާ ހިތްދަތިކަން އެމަނިކުފާނަށް އިހުސާސް ކުރެއްވޭތީ ކަމަށްވެސް ވިދާޅުވެފައެވެ.
"އަޅުގަނޑު ހޮސްޕިޓަލަށް ނާންނަނީ އަޅުގަނޑު ހޮސްޕިޓަލަށް އަންނަން ނުޖެހޭތީކީ ނޫން. އަޅުގަނޑު ހޮސްޕިޓަލަށް އައިސް އެޑްމިޓްނުވެ މިފަހަރު މި ހުންނަނީ އަޅުގަނޑުގެ އާއިލާ ތަހަންމަލު ކުރަމުންދާ ހިތްދަތިކަން އަޅުގަނޑަށް އިހުސާސް ކުރެވޭތީ. އެތަނަށް އައިސް އޮންނަން ވެއްޖިއްޔާ އާއިލާއިން އިތުރަށް ކަންބޮޑުވާތީ. އެހެން ނޫންނަމަ ފުރުސަތަކަށް އެދިގެން އަޅުގަނޑު އޮންނާނީ އެތަނުގައި،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ތަންފީޒު ކުރައްވަމުން ގެންދަވާ ހުކުމަކީ އެމަނިކުފާނު ކުރެއްވި ކަމަކުން އައިސްފައިވާ ހުކުމެއް ނޫން ކަމަށާއި އެކަން ޔަގީން ކަމަށެވެ. އަދި ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ މައްސަލައިގައި އެކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަފުޅު ދައްކަވަން އެބަހުރި ކަމަށާއި އެ ވާހަކަތައް ދައްކަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޔާމީން ވަނީ އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކުރުމުން ދައުލަތަށް ލިބިގެންދަނީ ކޮން ގެއްލުމެއްތޯ ސުވާލު ކުރައްވައިފައެވެ.
"ހަމަ އިސްތިއުނާފުގެ މައްސަލަތައް ނިމުނީމައި އަޅުގަނޑުގެ މައްޗަށް ހުކުމް ތަންފީޒުވެގެން ދޭ ނޫންތޯ. އެހެން ނަމަވެސް އެއިން އަޅުގަނޑަށް ލިބޭ ލުއިތަކެއް އެބަ އޮވޭ. ކަފާލާތަކީ ކުރިން ދެވުނު އެއްޗެއް އެކަމަކު މިހާރު އެކި މައްސަލަތަކާ ހެދި ނުދެވެނީ، ކޯޓުން ނިންމާފައި މިވަނީ ގާނޫނެއް ނެތީމަ ކަފާލާތު ނުދެވެނީ ކަމަށް. ކަފާލާތު ދޭނެ އުސޫލެއް ނެތުމަކީ އެއީ ކަފާލާތަށް އެދޭ މީހާގެ އުނިކަމެއް ކަމުގައި. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިހެން ކަން ވުމުން ހާއްސަ ހާލަތްތަކެއްގައި ހުންނަނީ ކަފާލާތް ދީފައި. އާއިލާއަށްވެސް ފަސޭހަ ވާނެ," ޔާމީން ވިދާޅުވިއެވެ.
އިސްތިއުނާފު ދިގުލައިގެން ދިއުމުން އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އަދި ސްޓޭއޯޑަރެއް ނައިސްފިނަމަ، ޖޫރިމަނާ ފައިސާ ދައްކަވައިފިނަމަ އެ ފައިސާ އަނބުރާ ދައުލަތުން ހޯދުމަކީ ނުކުރެވޭނެ ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"އެހެންކަމުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން މި ކަންކަމަށް ރިއާޔަތްކޮށްދެއްވައި އެއްވެސް ގޮތަކަށް ނިޒާމަކަށް ގެއްލުމެއް ނުވެ ސްޓޭއޯޑަރާއި އަޅުގަނޑު ގެއަށް ބަދަލު ކުރުމަށް. އެއީ ނިޒާމަށް ލިބޭ ގެއްލުމެއް ކަމަކަށް ނުދެކެން،" ޔާމީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު