ދިވެހިން ބާނާ މަސް، ބޭރަށް ވިއްކާނެ އަގު ކަނޑައަޅާނީ ދިވެހިން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގއ. ދެއްވަދުއަށް، ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ވިއްކާ މަހުގެ އަގު މިހާރު ކަނޑައަޅަނީ ބޭރު ގައުމުތަކުން ކަމަށެވެ.
"ތައިލެންޑުގައި ހުންނަ މީހެއް މަހުގެ އަގު ކަނޑައަޅަނީ، މީ މިކަންވާން ޖެހޭނެ ގޮތެއް ނޫން. ރާއްޖޭގެ މަހުގެ އަގު ކަނޑައަޅާނީ ދިވެހިން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ހުރިހާ ސަރުކާރުތަކުން ވަނީ މަސްވެރިކަމުގެ ދާއިރާއަށް އިހުމާލުވެފައި ކަމަށެވެ. އެހާ ދިގު މުއްދަތަކަށް އިހުމާލުވެފައިވާ ދާއިރާއަކަށް ރަނގަޅު ބަދަލުތަކެއް ގެންނަން ލަސްތަކެއް ކުރިމަތިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުން ވިސްނަމުން ދިޔައީ މަސްވެރިކަމުގެ ދާއިރާ ޕްރައިވަޓައިޒް ކުރަން ކަމަށާއި ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ވިސްނުމަކީ މިފްކޯ އަދި ކޫއްޑޫ ތަރައްގީކޮށް، ޕްރީޒިން ކެޕޭސިޓީ އިތުރުކޮށް، އަމިއްލަ ފަރާތްތަކާ ގުޅިގެން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މަސް ރައްކާ ކުރާ ނިޒާމުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށާއި އެ މަސައްކަތް ނިމުމުން، މަސްވެރިން ބޭނުންވާ މަހުގެ ހަމަ އަގު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިނގިރޭސިވިލާތާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ އެންމެ ފަހު މަރުހަލާގައި ކަމަށާއި އެ މަސައްކަތް ނިމުމުން ވެސް މަހުގެ ހަމަ އަގު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު