އެމްޑަބްލިޔު އެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބު ގްރީން ސްޓްރީޓްސްއާއި ޓީސީ ސްޕޯޓްސް ކްލަބު ވާދަކުރަން އޮތް މެޗު، ގްރީނުން މެޗަށް ހާޒިރު ނުވުމުގެ ސަބަބުން ޓީސީއަށް ލިބިއްޖެއެވެ.

ރޭ ގައުމީ ދަނޑުގައި ކުޅެން އޮތް މެޗަށް ގްރީނުން ހާޒިރުވެފައި ނުވަނީ މިހާރު މާލެ ސަރަހައްދުގައި ފެތުރިގެން އުޅޭ ރޯގާގެ އަސަރު ޓީމަށް ކޮށްފައިވާތީ ކަމަށް އެފްއޭއެމްއަށް ވަނީ އަންގައިފައެވެ. ރޯގާ ޖެހިގެން ގިނަ ކުޅުންތެރިންތަކަކަށް މެޗަށް ހާޒިރު ނުވެވިގެން މެޗު ދޫކޮށްލަން ޖެހުނު ކަމަށް ގްރީނުން އެންގި ނަމަވެސް، އެ މެޗު ފަސްކޮށްދޭން މުބާރާތުގެ ކޮމިޓީން ނިންމާފައެއް ނުވެއެވެ. މުބާރާތުގެ ކޮމިޓީން ނިންމީ މެޗު ގްރީނުން ދޫކޮށްލީ ކަމަށެވެ.

މިއީ މިފަހުން، ރޯގާގެ އަސަރުކޮށްގެން، ޓީމު ހަމަނުވާތީ ޓީމަކުން މެޗު ދޫކޮށްލި ދެވަނަ ފަހަރެވެ. މިދިޔަ މަހު 29 ވަނަ ދުވަހު ވެލެންސިއާ ޓީމަށްވެސް ރޯގާގެ އަސަރުކޮށް، ޓީމު ހަމަނުވާތީ، އެދުވަހު ކުޅެން އޮތް މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ލިބިފައެވެ.

ޓީސީއަށް ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު، އެޓީމު ވަނީ ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ. އެއީ އަށް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ގްރީން އޮތީ ހަތް ވަނައިގައެވެ. އެއީ އަށް މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ.