އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމަށް މިއަހަރުގެ ތެރޭގައި ތިންވަނަ ފަހަރަށް ލުބުނާނާ ދެކޮޅަށް ކުޅެންޖެހުމުގެ ފުރުސަތު ތަނަވަސްވެއްޖެއެވެ. އޮކްޓޫބަރުމަހު ފީފާގެ އިންޓަރނޭޝަނަލް ވިންޑޯގެ ތެރޭގައި މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ކުޅުމަށް ހަމަޖެހިފައިވާ މެރްޑެކާ ކަޕްގައި އިންޑިޔާ ބައިވެރިވާއިރު ލުބުނާނުވެސް މި މުބާރާތުގައި ވާދަކުރެއެވެ.

މެރްޑެކާ ކަޕަކީ މެލޭޝިޔާގެ މިނިވަންދުވަހާ ގުޅުވައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިފަހަރު މި މުބާރާތުގައި މި ދެޓީމުގެ އިތުރަށް ވާދަކުރަނީ މެލޭޝިޔާ އާއި ފަލަސްތީނެވެ. އެންމެ ފުރަތަމަ މެޗުގައި އިންޑިޔާ އާއި މެލޭޝިޔާއެވެ. މި މެޗުން މޮޅުވާ ބަޔަކު ފައިނަލަށްދާއިރު އަނެއް ފަޅިން ފައިނަލަށް ވާދަކުރާނީ ލުބުނާނާއި ފަލަސްތީނެވެ.

މެލޭޝިޔާ އަތުން އިންޑިޔާ މޮޅުވެފައި އަދި ފަލަސްތީނު އަތުން ލުބުނާން މޮޅުވެއްޖެނަމަ މިއީ މިއަހަރުގެ ތެރޭގައި ލުބުނާނާއި އިންޑިޔާ ކުޅޭ ތިންވަނަ މެޗަށް ވާނެއެވެ. އަދި ދެވަނަ ފައިނަލަށްވެސް ވާނެއެވެ. ފުރަތަމަ މެޗަކީ މިއަހަރުގެ ޖޫން އަށާރައިގައި އިންޑިޔާގެ ބުބަނޭޝްވަރުގައި ކުޅުނު އިންޓަރކޮންޓިނެންޓަލް ކަޕްގެ ފައިނަލެވެ. އެ މެޗު ދޭއް ސުމަކުން ކާމިޔާބުކުރީ އިންޑިޔާއެވެ. ދެވަނަ މެޗަކީ އިންޑިޔާގެ ބެންގަލޫރުގައި ޖުލައި އެއްވަނަ ދުވަހު ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލެވެ. ޕެނަލްޓީ ޖަހައިގެން ހަތަރެއް ދޭކުން އެމެޗުވެސް ކާމިޔާބުކުރީ އިންޑިޔާއެވެ.

މެރްޑެކާ ކަޕަކީ އިންޑިޔާއަށް އައު މުބާރާތެއް ނޫނެވެ. މީގެކުރިންވެސް އެތައް ފަހަރަކު މި މުބާރާތުގައި އިންޑިޔާއިން ވާދަކޮށް ދެފަހަރު ފައިނަލް ކުޅެފައިވެއެވެ. އެންމެފަހުން މެރްޑެކާ ކަޕުގައި އިންޑިޔާއިން ވާދަކުރީ 2001 ވަނަ އަހަރުއެވެ. އޯލް އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ޝާޖީ ޕްރަބާކަރަން ވިދާޅުވީ މެރްޑެކާ ކަޕަކީ ތާރީޚީ ގޮތުން އިންޑިޔާގެ ފުޓްބޯޅައަށް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި މިފަހަރުގެ މުބާރާތުގެ ސަބަބުންވެސް އިންޑިޔާގެ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ އިތުރު ތަޖުރިބާ ލިބޭނޭ ކަމުގައެވެ. އޭޝިޔާއިން ބޭރުގެ ގައުމުތަކުގެ ތެރެއިން ގާނާ އާއި ޗެކް ރިޕަބްލިކް ފަދަ ޓީމުތައްވެސް ފާއިތުވި އަހަރުތަކުގައި މި މުބާރާތުގައި ވާދަކޮށްފައިވެއެވެ.