މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކޮށްގެން ބާއްވާ އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމް 2023 ގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ދިރާގުން މިއަދު ބުނީ މާދަމާ ފަށާ މި ފޯރަމް ބުރާސްފަތި ދުވަހު ނިޔަލަށް ކުރިއަށްދާނެ ކަމަށާއި ފޯރަމް އޮންނާނީ ވިލާ ނޯޓިކާ ޕެރަޑައިސް މޯލްޑިވްސް ރިސޯޓްގައި ކަމަށެވެ.

މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ގްލޯބަލް ރިސްކްސް، ލޯކަލް އިމްޕްލިކޭޝަންސް: ނެވިގޭޓިން ތުރޫ ދިސް ކޭއޮސް" އެވެ.

މި ޝިއާރުގެ ދަށުން ވަޒީފާ އަދި ވިޔަފާރި މާހައުލުގައި ކުރިމަތިވާ ތަފާތު ރިސްކްތަކާއި ރިސްކް މެނޭޖްމެންޓްގައި ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކާއި ގޮތްތައް އަދި އެންމެ ޒަމާނީ ޓްރެންޑްތަކާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ކީނޯޓް ސްޕީކާ ސެޝަންތަކާއި އިންޓަރެކްޓިވް ވޯކްޝޮޕްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ނެޓްވޯކިން ސެޝަންތައް މެދުވެރިކޮށް އިންޑަސްޓްރީގެ އިސްވެރިންނާއި ރިސްކް މެނޭޖްމަންޓް ސްޕެޝަލިސްޓުންނާ އެކު ވާހަކަދައްކައި މަޝްވަރާކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.