ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަވެފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މާދަމާ ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ކުރި އިއުލާނުގައި ބުނީ މާދަމާ ހަވީރު 4:30 ގައި ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒުގައި ނަންތައް ތަރުތީބުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކަނޑައަޅާފައިވާ ގަޑިއަށް ކެންޑިޑޭޓުން ހާޒިރުވުމަށް އީސީން އެދެއެވެ.

ކެންޑިޑޭޓުންގެ ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާ ނަމަ، ކެންޑިޑޭޓުގެ ސިޓީއެއް އީސީއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި ކެންޑިޑޭޓް ނުވަތަ ބަދަލުގައި ވެސް ބޭފުޅަކު ހާޒިރުނުވާ ނަމަ، އެ ކެންޑިޑޭޓުގެ ނަމުގައި ގުރުއަތު ނަގާނީ އެ ކޮމިޝަނުގެ ފަރާތުން ކަމަށް އީސީން ބުންޏެވެ.

މިއީ ރާއްޖޭގައި ގިނަ ޕާޓީތައް އެކުލެވޭ ނިޒާމު ތައާރަފުވެ، ގިނަ ކެންޑިޑޭޓުން ކުރިމަތިލައްވައިގެން އިންތިހާބުތައް ބާއްވަން ފެށި ފަހުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އަހަރެވެ. މީގެ ކުރީން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކޮށްފައިވަނީ 2008 ވަނަ އަހަރެވެ. އެ އިންތިހާބުގައި ހަ ކެންޑިޑޭޓުން ކުރިމަތިލެއްވިއެވެ.

މި ފަހަރުގެ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ދަ ޑިމޮކްރެޓްސް، އެމްއެންޕީ އަދި ޕީއެންސީއެވެ. އަދި އަމިއްލަ ގޮތުން ތިން ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިއްޔެ މެންދުރުފަހު 2:00 ގައި ވަނީ ހަމަވެފައެވެ. މިހާތަނަށް އީސީން ވަނީ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ކެންޑިޑެސީ ބަލައިގެންފައެވެ. އޭގެ އިތުރުން އަމިއްލަގޮތުން ވާދަކުރައްވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ ކެންޑިޑެސީ ވެސް އީސީން މިއަދު ވަނީ ބަލައިގެންފައެވެ.

އެ ބޭފުޅުންގެ އިތުރުން ދެން އިންތިހާބަށް ކުރިމަތިލައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 30 ގައެވެ. އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މިހާރުގެ ރައީސް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ 58 ޕަސެންޓުގެ ވޯޓާ އެކުއެވެ. ޕީޕީއެމަށް އެ ފަހަރު ލިބުނީ 41 ޕަސެންޓުގެ ވޯޓެވެ.