ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ދ. މީދޫގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވައި، އެރަށުގައި ގާއިމުކޮށްފައިވާ ފެނުގެ ހިދުމަތް އިފްތިތާހުކޮށްދެއްވައިފިއެވެ.

މީދޫގައި އިމާރާތްކުރި ފެނަކަ ކޯފަރޭޝަނުން ހިންގާ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވައި، ފެނުގެ ހިދުމަތް ރައީސް އިފްތިތާހުކޮށްދެއްވީ، އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެ މަނިކުފާނު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މީދޫގައި ގާއިމުކުރެވުނު ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތްކޮށްފައިވަނީ، އެސްއެމްސީ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑުންނެވެ. އެ މަޝްރޫއުގެ މަސައްކަތް ނިންމައި، މިހާރު ވަނީ ފެނުގެ ކަނެކްޝަންތައް ގޭގެއަށް ގުޅައިދީފައެވެ.

ފެނަކަ ކޯޕަރޭޝަނުން މީދޫގައި އިމާރާތްކޮށްފައިވާ އާ އިންޖީނުގެ އާއި އޮފީސް އިމާރާތަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އިމާރާތްތަކެކެވެ. މީދޫގައި ކުރިން ހިންގަމުން އައި 22 އަހަރުވީ އިންޖީނުގެ ހުރީ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށްވީ ނަމަވެސް، އާ އިންޖީނުގެ އިމާރާތްކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ.

މީދޫގެ ކައުންސިލް މެންބަރު އަލީ ޝަރީފު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކުރީގެ ބާ އިންޖީނުގެ ހުރި ހިސާބުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދުމުގެ އަސަރުން އެތައް ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށާއި ދުމުގެ ސަބަބުން ކުރިން އެމީހުން ދިރިއުޅެމުންދިޔަ ހިސާބު ދޫކޮށް އެހެން ހިސާބުތަކަށް ބައެއް އާއިލާތައް ބަދަލުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން މީދޫގެ ފެނަކީ މިހާރު ލޮނުވެފައިވާ ފެންހުރި ރަށަކަށް ވުމުން، މީދޫގެ ފެނުގެ ނިޒާމަކީ ރަށުގެ ރައްޔިތުންގެ ގިނަ ޒަމާންވީ އެދުމެެއް ކަމަށްވެސް އެ ރަށު ކައުންސިލު މެންބަރު ޝަރީފު ވިދާޅުވިއެވެ.

"ފެނުގެ ނިޒާމު ގާއިމުވުމަށްފަހު ރައްޔިތުންގެ ކަޅުވެފައިވާ މޫނުތައް ދޮންވެ އޮމާންވާނެ. އަދި ކުރިން ފެނުގެ ޒަރިއްޔާއިން ފެތުރެމުންދިޔަ ބަލިމަޑުކަމަށްވެސް ހައްލެއް ލިބޭނެ،" ޝަރީފު ވިދާޅުވިއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގައިފައެވެ. އަދި މިހާރުވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަތޮޅުތަކުގައި ކުރިއަށްގެންދާ އިރު، ގިނަ މަސައްކަތްތައް ކުރަމުންދަނީ އެމްޓީސީސީންނެވެ.