އޮސްޓްރޭލިއާއާއި ނިއު ޒިލެންޑްގައި މިހާރު ކުރިއަށްދާ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ގަދަ 16ގައި މިއަދު ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން އެމެރިކާ ބަލިކޮށް، ސްވިޑެންއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
އޮސްޓްރޭލިއާގެ މެލްބާންގެ ރެކްޓޭންގިއުލާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރުވެސް 0-0 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ސްވިޑެން މޮޅުވީ 5-4ގެ ނަތީޖާއަކުންނެވެ.
މި އަހަރުގެ ވޯލްޑް ކަޕަކީ އެމެރިކާއަށް އެންމެ ކާމިޔާބު ވޯލްޑް ކަޕެއް ނޫނެވެ. އެ ޓީމުން ގްރޫޕް އީވެސް ނިންމާލީ ދެވަނައިގައެވެ. މި އަހަރު އަންހެން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތަކުގެ ތެރެއިން ބައެއް މެޗުތަކުން އެމެރިކާ ބަލިވެފައިވާ އިރު، މިއީ އެމެރިކާއިން ގްރޫޕް ސްޓޭޖުގައި ބައްޔާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ. އެ ނަތީޖާތަކުގެ ސަބަބުން ގަދަ 16 އަށް ނުކުތްއިރު އެމެރިކާއަށް އޮތީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާންވެސް ޖެހިފައެވެ.
މިއަދުގެ މެޗުގައި އެމެރިކާއިން ރަނގަޅަށް އެޓޭކުކޮށް، މެޗު ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، އެ ޓީމަށް ގޯލެއް ނުޖެހި ހިފެހެއްޓުނީ ސްވިޑެންގެ ގޯލްކީޕަރު ޒެސީރާ މުސޮވިޗެވެ. މުސޮވިޗް ވަނީ 11 ސޭވެއް މެޗުގައި ކޮށްފައެވެ. އަދި ޕެނަލްޓީގައިވެސް ރަނގަޅު ސޭވްތަކެއް ކުރިއެވެ.
މެޗުގައި އެމެރިކާގެ މޭގަން ރަޕިނޯއާއި ސޯފިއާ ސްމިތް އަދި ކެލީ އޯހާރާގެ ޕެނަލްޓީތައްވެސް ވަނީ ނާކާމިޔާބެވެފައެވެ.
މިއަދު ގަދަ 16ގައި އިތުރު މެޗެއްވެސް ކުޅެފައިވާއިރު ނެދަލޭންޑްސް އިން ވަނީ ދެކުނު އެފްރިކާ 2-0 އިން ބަލިކޮށް، ކުއާޓާ ފައިނަލް ޔަގީން ކޮށްފައެވެ. މެޗުގައި ނެދަލޭންޑްސްގެ ގޯލުތައް ޖަހައިދިނީ ޖިލް ރޫރްޑާއި ލިނެތު ބިއަރެންސްޓޭންއެވެ.
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް