ރާއްޖެއިން އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އިއްޔެ ފެނުނު އެ ކޭސްއަކީ ރާއްޖެއިން ބޭރުން (އިމްޕޯޓަޑް ކޭސް) އެއް ކަމަށެވެ. އެއީ ދިވެއްސެއް ކަމެއް އަދި ބިދޭސީއެއް ކަމެއް ނުބުނެއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލެ ސަރަހައްދުންވެސް ވަނީ ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ. އޭނާއަކީވެސް ރާއްޖެއިން ބޭރުން ބަލި ޖެހުނު މީހެކެވެ.

އެޗްޕީއޭއިން ބުނީ، އަލަށް ފެނުނު ކޭސްއަކީ ޖުލައި މަހު ފެނުނު ކޭސްއާ އެއްވެސް ގުޅުމެއް ހުރި ކޭސްއެއް ނޫން ކަމަށެވެ. ނަމަވެސް އެ ކޭސް މޮނީޓާކޮށް މީސަލްސް ވެކްސިން ފުރިހަމަ ނުވާ ފަރާތްތަކަށާއި ބަލި ޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަދި އެ ކޭސް ފެނުމާއެކީ ބަލި ފެތުރުމުގެ ފުރުސަަތު ދެނެގަތުމަށާއި ބަލި ޖެހުނު މީހާއާއި ކޮންޓެކްޓްވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. މީގެއިތުރުން ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ފެނުން އެކަށީގެންވެއެވެ.