ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ހަމަޖައްސަވައިފިއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސްގެ ކެންޑިޑެސީ ފޯމް މިއަދު މެންދުރު 1:00 ގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.
މީގެ ކުރިން ވަނީ އިލްޔާސްގެ ރަނިން މޭޓަކަށް ހަމަޖައްސަވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަމަށް އަޑު ފެތުރުނެވެ. އަދި އީވާގެ ކުށުގެ ރެކޯޑު ސާފުކުރަން ވެސް ހުށަހެޅިއެވެ.
ނަމަވެސް އަމްރު، ރަނިން މޭޓަކަށް ހަމަޖައްސަން ނިންމެވިކަމުގެ އަޑުތައް ގަދަވީ، ރައީސް ނަޝީދާއި އިލްޔާސާއެކު ދ. އަދި ތ. އަށް ކުރެއްވި ދަތުރުފުޅުގައި އަމްރު ބައިވެރިވެވަޑައިގެންނެވި ހިސާބުންނެވެ.
ޑިމޮކްރެޓްސްއިން އިލްޔާސްގެ ކެންޑިޑެސީ ފޯމް މިއަދު ހުށަހަޅާ އިރު، އެޕާޓީން އަންނަނީ އެހެން ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންނެވެ. އެގޮތުން އެއް ކެނޑިޑޭޓަކު ނެރުމަށްވެސް ވަނީ ޕާޓީތަކާ އެކު މަޝްވަރާ ކޮށްފައެވެ.
މީގެ އިތުރުން ރޭވެސް ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކޮށްފައެވެ. އެގޮތުން ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން ރޭ ވަނީ ކުނޫޒްގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު