ޚަބަރު

ގާސިމްގެ ރަނިންމޭޓަކަށް ހަމަަޖައްސަން އުޅޭ ވާހަކަ ރައީސް ވަހީދު ދޮގުކުރައްވައިފި

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސަން އުޅޭ ކަމަށް ވާހަކަ، އެމަނިކުފާނު ދޮގުކުރައްވައިފިއެވެ.

އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް މިރޭ ކަށަވަރުކޮށްދިން ގޮތުގައި، ޑރ. ވަހީދު ކުށުގެ ރެކޯޑް ސާފުކުރައްވަނީ ގާސިމްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށެވެ. އަދި ވަރަށް އަވަހަށް ޑރ. ވަހީދު، ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޑރ. ވަހީދުގެ ބަހެއް ހޯދުމަށް "ވަން" އިން އެ މަނިކުފާނަށް ގުޅައި މެސެޖު ކުރުމުންވެސް ޖަވާބު ދެއްވާފައިނުވާތީ އެ މަނިކުފާނުގެ ބަހެއް މިކަމުގައި އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

އެ ހަބަރު ޝާއިއުކުރުމާއެކު ރައީސް ވަހީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމްގެ ރަނިންމޭޓަކަށް އެމަނިކުފާނު ހަމަޖެއްސަވާ ކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތައް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމާއެކު، އޭރު ނައިބު ރައީސަކަށް ހުންނެވި ވަހީދު ރައީސްކަމަށް ވަޑައިގެން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާ ގާތް ގުޅުމެއް ބޭއްވެވިއެވެ. ނަމަވެސް އޭގެ ފަހުން ޖެހިގެން އައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ވަހީދު ވަނީ ވަކިން ވާދަކުރައްވައިފައެވެ.

ގާސިމްގެ ރަނިންމޭޓަކަށް ޑރ. ވަހީދު ހަމަޖައްސަން އުޅޭ އިރު، ޑރ. ވަހީދު މިހާރު ހުންނެވީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގައެވެ. އަދި އެމަނިކުފާނަކީ ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެޑްވައިޒަރެކެވެ.

ޖަލު ހުކުމެއް ތަންޒީފުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، "ޕްލޭން ބީ"ގެ ގޮތުގައި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޕީޕީއެމާ އެއް ކޯލިޝަނެއްގައި ހިމެނޭ ޕީއެންސީން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފިއެވެ.