ޚަބަރު

ވ. ތިނަދޫގެ އާ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި

ވ. ތިނަދޫގައި ސްޓެލްކޯ އިން ތަރައްގީ ކުރި އިންޖީނުގެ ރަސްމީކޮށް ހުޅުވައިފިއެވެ.

ތިނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގެ އާ އިންޖީނުގެ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސާއެކު އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ތިނަދޫ އާ އިންޖީނުގެއަކީ، އެ ރަށުގައި ކުރިން ކަރަންޓުގެ ހިދުމަތްދެމުންގެންދިޔަ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން އިންޖީނުގެ ދުމާއި އަޑުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށާއި، އެ ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް އަދި ފަތުރުވެރިންނަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދިއުމާ ގުޅިގެން، އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަޅާފައިވާ އިންޖީނުގެއެއް ކަމަށެވެ.

ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާއެކު، ސްޓްލްކޯ އިން ހަވާލުވި ފުރަތަމަ އިންޖީނުގެއެވެ. ސްޓެލްކޯ އިން އެ ރަށުގެ ކަރަންޓުގެ ކަންތައްތަކާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ، އެންމެ ޖަނަރޭޓަރެކެވެ. އެހެން ނަމަވެސް، މިއަދު އަލަށް ރަސްމީކޮށް ހުޅުވުނު އިންޖީނުގެ ހުޅުވުމާ ހަމައަށްވެސް، ބާ އިންޖީނުގޭގައި އާ ޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް ފޯރުކޮށްދީފައިވާނެ ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ހިދުމަތް ގުޅިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށްވުމާއެކު، ތިނަދޫގެ އާބާދީ އާއި ރަށުގެ އިގުތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި އެ ކުންފުނީގެ ދައުރު ބޮޑުކަމަށް ދެކި، ބާ އިންޖީނުގެއަކީ ޑިމާންޑާ އެއްވަރަށް ކޭޓާ ކުރުމުގައިވެސް ދަތިތަކެއް ހުރި ތަނަކަށްވުމުން، އާ އިންޖީނުގެއެއް އެޅުމަށް ނިންމައި، އެ އިންޖީނުގޭގެ ބިންގާ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ގައި އަޅާފައިވާނެ ކަމަށެވެ.

މީގެ ކުރިން 2018 ގައި ރައީސް ސޯލިހު ވަނީ ތިނަދޫގެ ބާ އިންޖީނުގެއިން ރައްޔިތުންނަށް ވަމުންދިޔަ އުނދަގޫތަކުން ސަލާމަތްކޮށްދެއްވާނެ ކަމަށް އެ ރަށުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައެވެ. ވައުދާ އެއްގޮތަށް މިއަދު ތިނަދޫގައި ރަސްމީކޮށް ހުޅުވި އިންޖީނުގެއަކީ އެންމެ ޒަމާނީ، އަޑުމަޑު އިންޖީނުގެއެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ތިނަދޫގެ އާ އިންޖީނުގެއަކީ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އަދި ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެކެވެ. އޭގެ އިތުރުން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، އިޔާދަކުރަނިވި ހަކަތައަށް އިސްކަންދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގެ އާ އިންޖީނުގޭގެ ފުރާޅުގައިވެސް 30 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.