އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއާއި ކްލަބު ވެލެންސިއާ އެއްވަރުވެއްޖެއެވެ.
ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ވެލެންސިއާއާއި ގްރީން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިއީ މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުންވެސް ވެލެންސިއާއަށް ލިބުނު ފުރުތަމަ ޕޮއިންޓެވެ. ވެލެންސިއާއިން ހަތް މެޗުން ޕޮއިންޓަކާއެކު ލީގުގެ ފުލުގައި އޮތް އިރު، ގްރީންއަށްވެސް އޮތީ އުނދަގޫ ހާލަތެކެވެ. މިހާތަނަށް ގްރީނުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމަށް ލިބިފައިވަނީ އެންމެ ހަތަރު ޕޮއިންޓެވެ. ގްރީން އޮތީ ފަހަތުން ދެވަނައިގައެވެ. މިއަދުގެ މެޗުގައި ވެލެންސިއާއިން ޖެހި ގޯލަކީ އެޓީމުން ލީގުގައި މިހާތަނަށް ޖެހި ހަމައެކަނި ގޯލެވެ.
މެޗު ފެށިގެން 14 ވަނަ މިނެޓުގައި ގްރީންއިން ގޯލު ޖެހިއެވެ. މެޗުގެ 14 ވަނަ މިނެޓުގައި ގޯލު ޖެހީ އިބްރާހީމް ހަސީބެވެ. ހަސީބުގެ އެ ގޯލަކީ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން މަތިންމަތިން ފޮނުވާލި ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ. އެ ގޯލާއެކު ގްރީނުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފުގައި ވެލެންސިއާއިން ވަނީ ގޯލު ޖެހުމާ ގާތަށް ޖެހިލައިފައެވެ.
އީތަން އިބްރާހީމް ޒަކީއާއި މުހައްމަދު އިލާން އިމްރާނަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި، ގޯލަކަށް ބަދަލު ކޮށްލެވިފައިނުވާ އިރު، ދެވަނަ ހާފު ފެށިގެންވެސް ހަމަލާތަކަށް ބޮޑަށް މަސައްކަތް ކުރީ ވެލެންސިއާއިންނެވެ. އަބްދުﷲ ޔާމީން (ޔާނު) ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގްރީންގެ ގޯލްކީޕަރު އަހުމަދު ރަމީޒު އަތަށް ދިޔަ އިރު، އިލާނަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ.
ވެލެންސިއާއިން ގޯލަކަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ 87 ވަނަ މިނެޓުގައެވެ. ޔާނު އޭރިއާ ތެރެއިން ޖައްސާލި ބޯޅައަށް ކުރިއަށް ޖެހި ނަތީޖާ ހަމަހަމަކޮށްދިނީ ޔޫސުފް އަޔާން އާމިރެވެ. އުމުރުން 15 އަހަރުގެ އަޔާން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ކީޕަރު ރަމީޒްގެ އަތުގައި ޖެހިގައި ތިރިތިރީންނެވެ. އަޔާންއަކީ ލީގުގެ ތާރީހަށް ބަލާއިރުވެސް ގޯލު ޖެހި އެންމެ ހަގު އެއް ކުޅުންތެރިޔާއެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނި އެއްވަނައިގައި އޮތް މާޒިޔާއާއި ދެވަނައިގައި އޮތް ކްލަބު އީގަލްސްއެވެ.