މިއަހަރު ނިމެންދެން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްދަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ "ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓު ގާނޫނު"ގެ ހަތްވަނަ މާއްދާގައި ހިމަނޭ އެއްޗެހީގެ ތެރެއިން، ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ރާއްޖެއަށް އިމްޕޯޓުކުރުން މަނާ، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫޒް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު، އެކި މަރުހަލާތަކަށް ބަހާލައިގެން ކަނޑައެޅުމުގެ ބާރު ލިބިދޭ ކަމަށެވެ.

އެގޮތުގެ މަތިން ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ، ސިންގަލްޔޫޒް ޕްލާސްޓިކުގެ ތެރޭގައި ހިމަނައިފައިވާ 14 ބާވަތެއްގެ ތަކެއްޗަކީ ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫޒް ޕްލާސްޓިކުގެ ބާބަތްތައް ކަމުގައި ކަނޑައަޅައި، އެ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން، މި ގަރާރުގައި ހިމަނައިފައިވާ ލިސްޓުގައި އޮތް ގޮތަށް ކަނޑައަޅައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަހުރެން މި ގަރާރު އެކަށައެޅުމާއެކު، ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ކުރީން ކަނޑައަޅައިފައިވާ ސިންގަލް ޔޫޒް ޕްލާސްޓިކުގެ ބާވަތްތަކާއި، އެ ތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ބާޒާރަށް ނެރުމާ ގުޅޭގޮތުން ކުރީން ކަނޑައަޅައިފައި އޮތް ގޮތް ބާތިލުކޮށްފީމެވެ..،" ރައީސް ވިދާޅުވިއެވެ.

ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ، ސިންގަލްޔޫޒް ޕްލާސްޓިކުގެ ތެރޭގައި ހިމަނައިފައިވާ 14 ބާވަތެއްގެ ތަކެއްޗެއް ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި އަދި ބާޒާރަށް ނެރުން މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުއެވެ.

ނަމަވެސް ރައީސް ސޯލިހު މިއަދު ކަނޑައެޅުއްވި ގަރާރުގައި ވަނީ އޭގެ ތެރެއިން ދެ ބާވަތަކަށް އިސްލާހު ގެނެސް، ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި އަދި ބާޒާރަށް ނެރުމުގެ ހުއްދަ ދީފައެވެ. އެއީ 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު އަދި ޕްލާސްޓިކުގައި ބަންދުގައި ކޮށްފައި ހުންނަ ސްޕާރީއެވެ. އެ ތަކެތި ދެން މަނާވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.